ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް، މުހައްމަދާ ބައްދަލުކުރައްވާފައިވަނީ ސައުދީ ސަރުކާރުގެ ދައުވަތަކަށް އެ ގައުމަށް ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން މިއަދެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ބައްދަލުކުރެއްވުން ބާއްވާފައިވަނީ އަލް މިނާ ޕެލެސްގައި ކަމަށެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސައުދީ ސަރުކާރުން ވަނީ މިފަހަރު ރާއްޖެއިން ހައްޖަށްދިޔަ މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގައި މި ފަހަރު ރާއްޖެ އަލަށް ބައިވެރިކޮށް ހައްޖާޖީންނަށް ވަނީ ގިނަ ލުއިތަކަކާއި ފަސޭހަތައް ފޯރުކޮށްދީފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ހައްޖާޖީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި މަޑުކުރަން ނުޖެހި، މައްކާއަށް ދެވޭނެއެވެ.