ދައުލަތުގެ ބަޖެޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 16.3 ޕަސަންޓަށް ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ ބެލެންސް 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ފާއިތުވި ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ ނިމިގެންދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 16.3 ޕަސަންޓް ދަށް އަދަދެކެވެ. އަދި ދައުލަތުގެ ރިކަރަންޓް ހަރަދު ދެ ޕަސަންޓަށް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 65.5 ޕަސަންޓަށް ދަށްވެފައެވެ.
ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުން ހަރަދުތައް ދަށްކުރެވުނު ނަމަވެސް އާސަންދަ އަށާއި ހިދުމަތް ދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި ލޯނުގެ ހިދުމަތަށް ހަރަދުކޮށްފައިވާ މިންވަރު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން ދައުލަތުން ނަގާފައިވާ ލޯނު ކޮމިޓްމަންޓްތަކަށް އަނބުރާ ދެއްކި ފައިސާގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 151.8 ޕަސެންޓް އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު 47.1 ޕަސެންޓް ވަނީ އިތުރުވެފައެވެ.
މި އަހަރުގެ ބެޖެޓުގައި ޕީއެސްއައިޕީއަށް 12.4 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުގައި ޖަހާފައިވާއިރު ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މެއި މަހުގެ 29ގެ ނިޔަލަށް 16.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 7.6 ޕަސެންޓް އިތުރުވުމެކެވެ.
ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 13 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 78.4 ޕަސެންޓެވެ.
ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާ ގުޅިގެން ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.8 ޕަސަންޓް ވަނީ އިތުރުވެފައެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 49.8 ޕަސަންޓަށް އިތުރުވެފައިވާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.3 ޕަސަންޓަށް ވަނީ އިތުރުވެފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް