ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

އެ މައްސަލައަކީ "ރޫހު އަލީ" ނަމަކަށް ކިޔާ އެކްސް އެކައުންޓަކުން ކުރި ޕޯސްޓެއްގައި މަހުފޫޒަށް މަރުގެ އިންޒާރު ދިން މައްސަލައެކެވެ. ނަމަވެސް މިހާރު އެ އެކައުންޓު ވަނީ ޑީއެކްޓިވޭޓް ކޮށްލައިފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަހުފޫޒަށް އިންޒާރުދީފައިވާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް މަހުފޫޒަށް ވަނީ ވަޅިން ހަމަލާދީފައެވެ. މަހުފޫޒު މަރާލަން އުޅުނު ކަމަށްބުނެ، ދައުލަތުން ދައުވާކުރި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި މަހުފޫޒަކީ އަދަދު ނޫހުގެ ޗެއާމަނެވެ. އޭގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ ރައީސްކަން ވެސް އޭނާ ކުރައްވައެވެ.