ކުރިންވެސް ލާޒިއޯގެ ކޯޗުގެ މަގާމުގައި ހުރި މައުރީޒިއޯ ސާރީ، އަނެއްކާވެސް އެ މަގާމާ ހަވާލުވެއްޖެއެވެ.
ސާރީ ލާޒިއޯގެ ކޯޗުކަމާ އަލުން ހަވާލުވެފައި މި ވަނީ އެ ކްލަބުގެ ކޯޗުކަން ދޫކޮށްލިތާ ގާތްގަނޑަކަށް އަހަރެއް ފަހުންނެވެ. ސާރީއާއެކު ލާޒިއޯއިން މިފަހަރު ހެދި އެއްބަސްވުމުގެ ތަފްސީލު، އެކްލަބުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް، އިޓަލީގެ މީޑިއާތަކުން ބުނީ ސާރީ ލާޒިއޯއާ ހަވާލުވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ. އަދި ސާރީ ބޭނުންވާ ނަމަ، އެ އެއްބަސްވުން އިތުރު އަހަރަކަށް އާކުރެވޭ ގޮތަށްވެސް އެއްބަސްވުމުގައި ހިމަނާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
ސާރީ އެނބުރި އެ ކްލަބާ ހަވާލުވާން ނިންމާފައިވާ ކަމަށް، އެ ކްލަބުގެ ރައީސް ކްލައުޑިއޯ ލޮޓީޓީ އިއުލާނުކުރައްވާފައިވާ އިރު، ސާރީއަކީ ކުރިން ޗެލްސީއާއި ޔުވެންޓަސްއަށްވެސް ކޯޗުކަން ކޮށްދިން ކޯޗެކެވެ.
ސާރީ ލާޒިއޯގެ ކޯޗުކަމުގައި ތިން އަހަރު ހޭދަކުރުމަށްފަހު 2024 ވަނަ އަހަރު މާޗު މަހު އެ މަގާމު ދޫކޮށްލި އިރު، ސާރީއާއެކު 2023-24 ވަނަ އަހަރުގެ ސީޒަން ލާޒިއޯއިން ނިންމާލީ ހަތްވަނައިގައެވެ. އަދި އޭގެ ކުރީ ސީޒަނުގައި ލީގުގެ ދެވަނަ ހޯދިއެވެ.
މައުރީޒިއޯ ސާރީ
މައުރީޒިއޯ ސާރީ