ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ފަރާތުން، އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ މައްޗަށް ކުރި ދައުވާ ކުރިއަށްގެންދަން ސިވިލް ކޯޓުން ނިންމައިފިއެވެ.
އެ މީހުންގެ މައްޗަށް ދައުވާކުރަން ހުށަހެޅުއްވީ، މިދިޔަ މާޗު މަހުގެ ކުރީކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ މަނިކުފާނުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ވޭޕް ބޭނުންކުރައްވާތީ ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
ފަސްޓް ލޭޑީގެ ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުގެ ލޯ ފާމު"ރެހެންދި ޗެމްބާސް" އިން މީގެކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އުމައިރަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވައި، އުމެއިރުގެ ކިޔެވުމަށާއި މުސްތުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
މަންދީގެ މައްޗަށް ދައުވާކުރީ އޭނާގެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލައިފައިވާތީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅަައިގެންފައިވާތީ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ މަންދީ އެ ވާހަކަތައް ދެއްކީ އެމްޑީޕީން ބޭއްވި ރެލީއެއްގައި ކަމަށްވާތީ، އެކަމުގެ އެ ފަރާތުގެ ގާނޫނީ ޒިންމާއެއް އޮންނާނެ ކަމަށް ދެކިގެން ކަމަށެވެ. އަދި މަންދީ ދެއްކި ވާހަކައިގެ މައްޗަށް އޭނާގެ މައްޗަށް ދައުވާކުރާ އިރު، ފައްޔާޒަށް ދައުވާކުރަން ނިންމާފައިވަނީ، އެ މައްސައާ ގުޅިގެން ކުރެއްވި ޓްވީޓެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ މައްސަލަތަކުގައި ދައުވާކުރަން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ދެ ގަޒިއްޔާއަކުންނެވެ. އެއް ގަޒިއްޔާއިން ދައުވާކުރަނީ މަރިޔަމް ޒުބެއިރަށެވެ. އަނެއް ގަޒިއްޔާއިން އެމްޑީޕީ އާއި ފައްޔާޒަށެވެ.
ސާޖިދާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އަނބުރުގެ ދައުވާ ނުބެލޭނެ ކަމަށާއި ދައުވާ ހުށަހަޅާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި ސާޖިދާއަށް އެ ދައުވާ ހުށަހެޅުމުގެ ހައްގު ލިބިގެންނުވާ ކަމަށް ބުނެ މަންދީއާއި އެމްޑީޕީގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައެވެ.
ސިވިލް ކޯޓުން އެ އިޖުރާއީ ނުކުތާތަކާ ގުޅިގެން އިއްޔެ ވަނީ ގޮތެއް ނިންމައިފައެވެ.
މައްސަލަ ބެއްލެވީ ގާޒީ ފައިސަލް އާދަމް، މައްސަލައިގެ ގޮތެއް ނިންމި ގޮތުގެ ރައުޔުގައި ވިދާޅުވީ ގާނޫނުއަސާސީން ވަނީ ނަމާއި އަނބުރު ރައްކާތެރިކުރުމުގެ ހައްގު ކަށަވަރުކޮށްދީފައި ކަމަށެވެ. ގާޒީ ވިދާޅުވީ އެ ހައްގަށް އުނިކަން ލިބޭ ހާލަތުގައި އިންސާފުވެރި ހައްލެއް ހޯދުމަށް އެ މައްސަލަ އެ ކޯޓަށް ހުށަހެޅުމުގެ ހައްގުވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އަދި އެފަދަ މައްސަލައެއް ހުށަހެޅޭނެ މުއްދަތު މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެއް އަހަރު ތެރޭގައި އެފަދަ ދައުވާއެއް ކުރެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުޑަކުދިންނަށް ހާއްސަވެގެންވާ ހައްގުތަކާއި، ގާނޫނުއަސާސީއާއި އެނޫންވެސް ގާނޫނުތަކުން އާންމު ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހުރިހާ ހައްގުތައް އެ ނިސްބަތުގައި ކުޑަކުދިންނަށްވެސް ލިބިގެންވާ ކަމަށެވެ. ކޯޓުތަކުގެ ގާނޫނަށް ބަލާއިރު، ސިވިލް ކޯޓަށް ލިބިގެންވާ އިހުތިސޯސްތަކުގެ ތެރޭގައި އެފަދަ ހައްގުތަކަށް އަންނަ އުނިކަން ބެލުމުގެ އިހުތިސޯސް ލިބިގެންވާކަން އެނގޭ ކަމަށެވެ. މީގެ ކުރިންވެސް އެފަދަ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ހައްގެއް ނުވަތަ މިނިވަންކަމެއް ކުއްޖެއްގެ ކިބައިން ނިގުޅައިގެންފިނަމަ، އެކަމަށް އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި، ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގެ ބާރު ކުއްޖާގެ ބެލެނިވެރިޔާއަށް ގާނޫނުން ލިބިދީފައިވާ ކަަމަަށެވެ.
ގާޒީ ވިދާޅުވީ އަބުރާ ބެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި، އެ ގަވާއިދުގެ ދަށުން ދައުވާކުރެވޭނީ އަބުރަށް އުނިކަން ލިބުނު މީހާއަށް ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަބުރާ ބެހުމުގެ ސަބަބުން ގެއްލުން ލިބިފައިވަނީ ކުޑަކުއްޖަކަށްނަމަ، އެކަމާ ގުޅިގެން އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި ދައުވާ ކުރުމުގެ ހައްގު ކުއްޖާގެ މައިންބަފައިންނަށާއި ބަލަދުވެރިންނަށް އަދި ގާނޫނީ ބެލެނިވެރިންނަށް ލިބިގެންވާ ކަމަށެވެ.
އެކަންތައްތައް ފާހަގަކުރައްވައި ގާޒީ ނިންމި ނިންމުމުގައި ވިދާޅުވީ ސާޖިދާ ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަަމަށާއި ސާޖިދާއަށް މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ކަމަށެވެ.
މުހައްމަދު އިޝާން
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު