ޓިކެޓް ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާތީ އެ މައްސަލަ ހައްލުކުރެވެންދެން ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ދެންމެ ބުނީ މުޅި މާލޭންނާއި ހުޅުމާލޭން ކަރަންޓު ކެނޑުމާ ގުޅިގެން ބަސް އަދި ފެރީ ހިދުމަތުގެ ޓިކެޓް ހިދުމަތަށް ބުރޫ އަރާފައިވާ ކަމަށެވެ.

"ނަމަވެސް، އާންމު ދަތުރުފަތުރުގެ ހިދުމަތް މެދު ނުކެނޑި ކުރިއަށްދާނެ ވާހަކަ އެންމެހައި ކަސްޓަމަރުންގެ ސަމާލުކަމަށް ޓަކައި ދަންނަވަމެވެ. އަދި ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހެންދެން ބަހުގައި ހިލޭ ދަތުރުކުރެވޭނެ ވާހަކަ ދަންނަވަމެވެ." އެމްޓީސީސީން ބުނެފައިވެ އެވެ.

މުޅި މާލޭންނާއި ހުޅުމާލޭން ކަރަންޓު ކެނޑުނި މިއަދު މެންދުރު 12:30 ހާއިރު އެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބެލުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފަ އެވެ. އަދި ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރު ނުވާނޭހެން އެ ހިދުމަތުގެ ކަންކަން އިންތިޒާމު ކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެފަހުން ފުލުހުންވަނީ އެ މައްސަލަ ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅޭގޮތުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މާލެއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމްއެޗް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. އަދި އެހެން ސަރަހައްދުތަކަށްވެސް ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.