ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު، ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް "ވަން"އަށް ވިދާޅުވީ ފައްތާހު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި އޭނާ ނިޔާވީ ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ހާސިލުކޮށްފައިވާ ފަންނުވެރިއެއް ކަމުގައިވާ ފައްތާހު ނިޔާވުމުގެ ހިތާމައިގައި، އެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

"މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލަހައްޓަވާށި. އާމީން،" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ފައްތާހަކީ ދިވެހި ސިނަމާގައި އެންމެ މަގުބޫލު ފިލްމުތައް ގެނެސްދިން އެއް ޑައިރެކްޓަރެވެ. އޭނާގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ހިމޭން ދުނިޔެ"، "އާނ އަހަރެންވެސް ލޯބިވިން"، "ހުރީމޭ އިންތިޒާރުގައި"، "ވެހޭ ވާރޭ ތެރޭން"، "ވާލޯބި އެނގޭނަމަ"، "ޖިންނި" އަދި "14 ވިލޭރޭ" ހިމެނެއެވެ.

ފައްތާހު އެންމެ ފަހުން ފިލްމެއް ގެނެސްދިނީ 2017 ވަނަ އަހަރުއެވެ. އެއީ ދިވެހި ފިލްމް "ހައްދު" އެވެ. އެ ފިލްމަށްފަހު ފައްތާހުވަނީ ފިލްމު އިންޑަސްޓްރީ އާ ދުރަށް ގޮސްފައެވެ.