އިންޑިއާގެ މަޝްހޫރު ޓީވީ ސީރިއަލް "ސީއައިޑީ" ގެ އައިކޮނިކް ކެރެކްޓާ އޭސީޕީ ޕްރަދްޔުމަން އަނބުރާ ސީރިއަލާ ގުޅިއްޖެއެވެ. މި ކެރެކްޓަރު ކުޅޭ އެކްޓަރު ޝިވާޖީ ސަތަމް ސީރިއަލުން ވަކިވިތާ ދެ މަސް ނުވަނީސް އަނބުރާ އައިސްފައިވަނީ އޭނާގެ ހަނދާން ގެއްލިފައިވާ މީހެއްގެ ގޮތުގައެވެ.

ނެޓްފްލިކްސްއިން ހިއްސާކުރި ޕްރޮމޯއެއްގައި އޭސީޕީ ޕްރަދްޔުމަން ފެންނަނީ އޭނާގެ އެހީތެރިޔާ ދަޔާއަށް ބަޑި ދިއްކޮށްގެން ހުންނަތަނެވެ. އަދި އޭނާ ބުނެފައިވަނީ ފުލުހުންނާ ދެކޮޅަށް ބަދަލު ހިފަން ބޭނުންވާ ކަމަށެވެ.

https://www.instagram.com/reel/DKUlZLssfB7/?igsh=MW02YXk2Mmt2OWdodA==

މި ޕްރޮމޯ ފެނުމާއެކު ގިނަ ފޭނުން ވަނީ އުފާ ފާޅުކޮށްފައެވެ. ގިނަ ބަޔަކު ބުނެފައިވަނީ އޭސީޕީ ޕްރަދްޔުމަން ނެތި ސީއައިޑީ ފުރިހަމަ ނުވާނެ ކަމަށެވެ.

ކުރިން އޭސީޕީ ޕްރަދްޔުމަން ސީރިއަލުން ވަކިވެފައިވަނީ އޭނާ މަރުވި ކަމަށް ދައްކައިގެންނެވެ. ނަމަވެސް އޭނާގެ މަރު ސީދާ ދައްކާފައެއް ނުވެއެވެ.

"ސީއައިޑީ" އަކީ 20 އަހަރު ވަންދެން ދެއްކި މަޝްހޫރު ސީރިއަލެކެވެ. މި ސީރިއަލް 2018 ގައި ހުއްޓާލުމަށްފަހު 6 އަހަރު ފަހުން އަލުން ފަށާފައިވަނީ މި އަހަރުގެ ކުރީކޮޅުއެވެ. މިހާރު މި ސީރިއަލް ދައްކަމުންދަނީ ނެޓްފްލިކްސް އާއި ސޮނީ ޓީވީންނެވެ.