މާލޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި އަހަރުގެ ނިޔަލަން ލިޔުން ދޫކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މާލޭ ރައްވެހިންނާއި މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، ދާއިމީ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ގޯތި ނޫނީ ފްލެޓު ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމަށް މި އަހަރު ހުޅުވައިލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް މުޅި މާލެ ސަރަހައްދު، ރަސްމާލެ ހިމެނޭ ގޮތަށް ގޯތި ނުވަތަ ފްލެޓް ކަށަވަރުކޮށްދިނުމަށްޓަކައި ހުޅުވާލާނަން. ހުޅުވާލައި އެ ފަރާތްތަކުން ކުރިމަތިލާ، އެ ފަރާތްތަކަށް ރަސްމީ ގޮތުން ލިޔުން މި އަހަރު ނިމުމުގެ ކުރިން ދޭނަން. އެއީ ޓާގެޓަކީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި އަހަރު ނިމޭއިރު، މާލޭގެ އެއްވެސް ރަށްވެއްސަކު އަމިއްލަ ވިޔަސް އަދި އާއިލީ ގޮތުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި އުޅުން ނިމުމަކަށް ގެނައުމަކީ މި އަހަރުގެ އަމާޒު ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ރަސްމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި ފްލެޓް ހެދުމުގެ މަޝްރޫއުތަކެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސިނަމާލެ ސަރަހައްދުގައި 2،000 ފްލެޓް، ވިލިމާލޭގައި 500 ފްލެޓް، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މާލެ ސަރަހައްދުގައި 4،000 ފްލެޓް ހެދުން ހިމެނޭއިރު ރަސްމާލޭގައި ވަރަށް ބައިވަރު ފްލެޓް ހަދައި ގޯތި ދިނުމުގެ މާސްޓާ ޕްލޭނެއްވެސް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް 57 ރަށެއްގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދިއުމަށް ބިޑަށް ހުޅުވާލާފައިވާއިރު، އީދު ބަންދު ނިމޭ ހިސާބުން ބިޑު ބަލައިގަންނަން ފަށާނެ ކަމަށެވެ. އެއަށްފަހު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ ބަޖެޓުގެ ތެރެއިން އެ ހުރިހާ ރަށެއްގައި ފްލެޓް ހަދަން ފަށާނެ ކަމަށް ވިދާޅުވި އެވެ.