މާލޭގެ ހަނި މަގުތަކުގައި ހުންނަ ގޯތި ދޫކޮށްލުމުން މާލެ ސަރަހައްދުގެ އެހެން ތަނަކުން ގޯތި ލިބޭ ގޮތަށް ވަރަށް އަވަހަށް ހުޅުވައިލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ހަނި ގޯޅިތަކާއި ކަންކަން މަތީގައި ހުންނަ ގޯތިތައް ހަދަން ބޭންކުން ލޯނު ނުލިބޭ ކަމަށެވެ. އެހެންވެ އެހެން ހުރި ގޯތި ދޫކޮށްލުމުން އޭގެ ބަދަލުގައި މާލެ ސަރަހައްދުން ގޯއްޗެއް ދީ، ދޫކޮށްލާ ގޯތި ދައުލަތަށް ނަގާ ގޮތަށް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ވައުދު ފުއްދުމަށް ވަރަށް އަވަހަށް އިއުލާން ކުރާނެ. މުޅި ގޯތި ދޫކޮށްލީމަ އެ ގޯތީގެ ބޮޑުމިނުގެ މާލެ ސަރަހައްދުގެ ހިއްކާ ސަރަހައްދުތަކުން ގޯތި ލިބޭނެ. މިގޮތަށް ހުޅުވާލައި އެގޮތަށް ބޭނުންވާ ވީހާވެސް ގިނަ މީހުންނަށް ބަލާނީ ގޯތި ދޭން. ގޯތި ދިނީމަ މާލެ ތެރެއިން އެ ގޯތިތައް ހުސްވީ. އެ ތަންތަން ސަރުކާރަށް ނަގާނެ. ނަގާފަ އެ ތަންތަން އޯޕަން ކޮށްލުން ނުވަތަ ގްރީން ސްޕޭސްއަކަށް ހެދުން، ލިވަބަލް އޭރިއާއަކަށް ހެދުމުގެ މަސައްކަތް، ނުވަތަ މާލެ ހިތްގައިމު ސިޓީއަކަށް ހެދުމަށް ބޭނުންވާ ކަންކަން އެތަންތަނުގަ ކުރާނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ލާޖައްސާ އުސޫލުން ގޯތި ދޫކޮށްލާ މީހުންނަށް ގޯތި ދޭނީ މާލެ ސަރަހައްދުން ހިއްކާފައިވާ އަދި ހިއްކަން ނިންމާފައިވާ ތަންތަނުގެ ތެރެއިން އުތުރުތިލަފަޅު، ގިރާވަރުފަޅު، ގުޅިފަޅު، ރަސްމާލެ އަދި ހުޅުމާލެއިން ކަމަށެވެ. އަދި އެ މަޝްރޫއު މި އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސް މި އަހަރު ނިމުމުގެ ކުރިން ގޯތި ލިބޭނެ ތަންތަން ކަނޑައަޅައި ރަސްމީ ލިޔުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މުހައްމަދު ސިމާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު