އިންޑިއާގެ މަޝްހޫރު ޓީވީ ސީރީސް "ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ އާ ސީޒަނެއް ނެރެން ނިންމާފައިވާ ކަން އާންމުވެއްޖެއެވެ. ބޮލީވުޑް ހަބަރުތަކުން ބުނެފައިވާ ގޮތުގައި މި ސީރީސްގެ ޝޫޓިން ވަނީ ފެށިފައެވެ. އަދި ސްމްރިތި އިރާނީ އަދި އަމަރު އުޕަދްޔާޔު މި ސީރީސްގައި އަލުން ފެނިގެންދާނެ ކަމަށްވެސް ވެއެވެ.
ސްމްރިތީ ޢަކީ މިހާރު އިންޑިއާގެ ސިޔާސީ ބެފުޅެއްކަމުން ހަބަރުތައް ބުނާ ގޮތުގައި ޝޫޓިން ކުރިއަށް ދާނީ ޒެޑް ޕްލަސް ސެކިއުރިޓީއާއެކުގައެވެ. އަދި ޝޫޓިން ސެޓުގައި ފޯނު ބޭނުންކުރުން މަނާކުރެވޭނެއެވެ. މީގެ އިތުރުން ސްމްރިތި، އަމަރު އަދި އެކްތާ ކަޕޫރުގެ ފޯނުތައް ޓެޕްކުރެވޭނެއެވެ.
އާ ސީޒަންގައި 150 އެޕިސޯޑު ހިމެނޭނެ ކަމަށް ހަބަރުތައް ބުނެއެވެ. މި ސީރީސްގެ ފުރަތަމަ ސީޒަން ނިމުނުއިރު 1,850 އެޕިސޯޑު ދައްކާފައިވެއެވެ. އާ ސީޒަނާއެކު ޖުމްލަ 2,000 އެޕިސޯޑަށް ސީރީސް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ސީރީސްގެ ރަސްމީ ކޮށް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގައެވެ.
"ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ" އަކީ 2000 އިން 2008 އަށް ދެއްކި ވަރަށް މަޤްބޫލު ސީރީސްއެކެވެ. މި ސީރީސްގައި ސްމްރިތި ފެނިގެންދަނީ ތުލްސީގެ ރޯލުންނެވެ. އަދި އަމަރު ފެނިގެންދަނީ މިހިރުގެ ރޯލުންނެވެ.
ޓީވީ ޝޯ
ޓީވީ ޝޯ