މިއަހަރު މިހާތަނަށް އިންޑިއާގެ 1000 މީހުން އެމެރިކާއިން ޑީޕޯޓުކޯށްފިއެވެ.

އެމެރިކާގެ ރައީސް ކަމުގެ އާ ދައުރަކަށް ޓްރަމްޕް އިންތިހާބު ވެވަޑައިގަތުމާއެކު އެގައުމުގައި ނުގަވައިދުން އުޅޭ އެންމެން ޑީޕޯޓުކުރާނެ ކަމުގެ އިންޒާރުދެއްވައި އެކަމަށް އަމަލުކުރާން ވަނީ ފަށައިފައެވެ.

އެމެރިކާގައި ނުގަވައިދުން އުޅޭ ގައުމުތަކުގެ މީހުންގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ 1000 އަށްވުރެ ގިނަ މީހުން މިހާތަނަށް ޑީޕޯޓުކޮށް އަނބުރާ އިންޑިއާއަށް ފޮނުވާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވަލް ވަނީ އެމެރިކާއިން ޑީޕޯޓު ކުރި މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން އެނބުރި ގައުމަށް ގޮސްފައިވަނީ އަމިއްލައަށް ޓިކެޓު ނަގައިގެން ކަމަށް ފާހަގަކޮށްފައެވެ.

ފެބްރުއަރީ މަހު އެމެރިކާގައި ނުގަވައިދުން ތިބި އިންޑިއާ މީހުން ގޮވައިގެން ފުރަތަމަ ފްލައިޓު އިންޑިއާއަށް ޖައްސާފައިވާއިރު އެމެރިކާގެ މިލިޓަރީ އެ ފްލައިޓުގައި 100 އަށްވުރެ ގިނަ މީހުން ވަނީ އިންޑިއާއަށް ފޮނުވައިފައެވެ.

އެމެރިކާއިން ވަނީ އެ ގައުމުގައި އިންޑިއާގެ 18،000 އަށްވުރެ ގިނަ މީހުން ނުގަވައިދުން އުޅޭ ކަމަށް ފާހަގަކޮށްފައެވެ.

އެމެރިކާގައި ހުންނަ އިންޑިއާގެ އެމްބަސީން މި މަހުގެ ކުރީކޮޅު ވަނީ އެމެރިކާގައި ދިރިއުޅޭ އިންޑިއާ މީހުންގެ ތެރެއިން ނުގަވައިދުން އުޅޭ އެންމެން ޑީޕޯޓު ކުރާނެ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ގަވައިދާ އެއްގޮތަށް އެމެރިކާއަށް އެތެރެވެ އޯވާސްޓޭ ވެފައިވާ މީހުންވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.