މަޝްހޫރު މޮޑެލް އަދި ވިޔަފާރިވެރިޔާ ހެއިލީ ބީބަރުގެ ބިއުޓީ ބްރޭންޑް "ރޯޑް" އެއް ބިލިއަން ޑޮލަރަށް ވިއްކާލައިފައެވެ. ރޯޑް ވިއްކާލީ އީ.އެލް.އެފް. ބިއުޓީ އަށް ކަމަށް ޚަބަރުތައް ބުނެއެވެ. މިއީ 28 އަހަރުގެ ހެއިލީގެ ވިޔަފާރި ދިރިއުޅުމުގައި ވަރަށް މުހިންމު ކުރއެރުމެއް ކަމަށް ވެސް ވިޔަފާރި ހަބަރުތައް ބުނެއެވެ.

"ރޯޑް" އަކީ 2022 ގައި އުފެއްދި ސްކިންކެއާ ޕްރޮޑަކްޓްތައް އުފައްދާ ބްރޭންޑެކެވެ. ހެއިލީގެ މި ނިންމުން އިއުލާންކުރީ އިއްޔެ އޭނާގެ އިންސްޓަގްރާމްގައެވެ. އޭނާގެ ފިރިމީހާ، މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަރުވެސް ވަނީ މި ހަބަރު އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

https://www.instagram.com/p/DKNcZVav7Mb/?utm_source=ig_web_copy_link

ހެއިލީ ބުނެފައިވާ ގޮތުގައި އީ.އެލް.އެފް. ބިއުޓީ އާއެކު މަސައްކަތްކުރުމުން "ރޯޑް" އިތުރު ބަޔަކަށް ފޯރުކޮށްދެވޭނެ އެވެ. ބްރޭންޑް ވިއްކާލި ކަމުގައިވިއަސް އޭނާ "ރޯޑް" ގެ ޗީފް ކްރިއޭޓިވް އޮފިސަރު، އަދި ހެޑް އޮފް އިނޮވޭޝަންގެ މަގާމު އަދާކުރާނެ އެވެ. އަދި އީ.އެލް.އެފް. ބިއުޓީގެ ސްޓްރެޓެޖިކް އެޑްވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތްކުރާނެއެވެ.

ހެއިލީ އަކީ 1996 ގައި އެމެރިކާގެ ޓުސަން، އެރިޒޯނާއަށް، އުފަން މޮޑެލް އަދި ވިޔަފާރިވެރިއެކެވެ. އޭނާގެ ބައްޕައަކީ އެކްޓަރު ސްޓީފަން ބޯލްޑްވިން އެވެ. 2018 ގައި ޖަސްޓިން އާ އިނދެ، އެ ދެމަފިރިންނަށް ދަރިޔަކު ލިބިފައިވެއެވެ.

މި ވިޔަފާރި މުއާމަލާތަކީ ބިއުޓީ އިންޑަސްޓްރީގައި ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވޭ މުއާމަލާތެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހެއިލީގެ "ރޯޑް" ބްރޭންޑް އީ.އެލް.އެފް. ބިއުޓީ އާ ގުޅުމުން، މި ބްރޭންޑްގެ އުފެއްދުންތައް އިތުރު ބާޒާރުތަކަށް ނެރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ކާމިޔާބީއަކީ ޒުވާން ވިޔަފާރިވެރިންނަށް ލިބޭ ހިތްވަރެއްގެ ގޮތުގައިވެސް ބައެއް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.