ބޭންކްތަކުގައި ހުރި ޑިޕޮސިޓްތަކުގެ ތެރެއިން 58 ޕަސެންޓް މީހުން ފައިސާ ޖަމާކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ޝަރީފު ވިދާޅުވީ، އެ ބޭންކުގައި ކަސްޓަމަރުގެ ޑިޕޮސިޓް 32 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ބޭންކުން ދޫކޮށްފައިވާ ލޯނުގެ އަދަދު 21.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ރާއްޖޭގެ ބޭންކްތަކުން ދޫކުރާ ލޯނުގެ 51 ޕަސަންޓު ހިއްސާވާ ބޭންކް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ކާމިޔާބީތައް މި އަހަރުވެސް ބޭންކުން ހިފަހައްޓާނެ ކަމަށާއި މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނި އެބޭންކުން އާންމުންނާއި ވިޔަފާރިތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު އެ ކުންފުންޏަށް ޓެހުކަށް ކެނޑުމަށް ފަހު 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާ ކަމަށާއި ޖުމްލަ އެސެޓު ހުރީ 48 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށެވެ.
"ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަންގައި ހުރި އިރު، މިއީ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58 ޕަސަންޓު. މިކަމުން ދޭހަކޮށްދެނީ ކަސްޓަމަރުން ބީއެމްއެލް ކުރައްވާ އިތުބާރު. ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 58 ޕަސަންޓ ގައި، މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއް. މި އަދަދުތަކުން އަޅުގަނޑުމެންގެ ހަރުދަނާ މާލީ ހާލަތު ހާމަކޮށްދޭ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، އެ ބޭންކު އުފެދުނު ފަހުން ބޭންކްގެ ކެޕިޓަލް 14 ބިލިއަން ރުފިޔާއަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ،ރު ބޭންކުގެ މާލީ މުއާމަލާތްތަކުގެ 99 ޕަސަންޓު ހިންގަނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށެވެ. އެގޮތުން މިއީ 220 މިލިއަނަށްވުރެ ގިނަ މުއާމަލާތް ކަމަށާއި އެ މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށްވުރެ މަތި ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ބީއެމްއެލުން މަސައްކަތްކުރަނީ ސަރަހައްދުގައި ހުރި އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް އެބަހުރި. ބީއެމްއެލްގައި މަސައްކަތްކުރާ ޓީމަކީ، އަބަދުވެސް އަޅުގަނޑުމެންގެ އެންމެ މުހިންމު ރައުސުލްމާލު. ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި އަޅުގަނޑުމެންގެ ވަފާތެރި މުވައްޒަފުންނާމެދު އަޅުގަނޑުމެން ފަހުރުވެރިވަން." ޝަރީފް ވިދާޅުވިއެވެ.
މިއަދު ބޭއްވި ބީއެމްއެލްގެ އަހަރީ ޖަލްސާގައި ވަނީ ހިއްސާއަކަށް 55 ރުފިޔާ ބަހަން ފާސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް