އިންޑިއާގެ އެންމެ ބޮޑެތި ފިލްމު އުފެއްދުންތެރީންގެ ތެރޭގައި ހިމެނޭ "ހޮމްބާލޭ ފިލްމްސް" އިން ސުޕަސްޓާރު ރިތިކް ރޯޝަންއާއެކު ފިލްމެއް އުފައްދަން ނިންމައިފިއެވެ.

ހޮމްބާލޭ ފިލްމްސްއަކީ "ކޭޖީއެފް" އަދި "ސަލާރު" ފަދަ ބޮޑެތި ހިޓް ފިލްމުތައް އުފައްދާފައިވާ ކުންފުންޏެކެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަދައްކަމުން ހޮމްބާލޭ ފިލްމްސްގެ ފައުންޑަރު ވިޖޭ ކިރަގަންދުރު ބުނެފައިވަނީ މިއީ ވަރަށް އުފާވެރި ވާހަކައެއް ކަމަށެވެ. ހޮމްބާލޭ ފިލްމްސްގެ މަަގުސަދަކީ ބައުންޑަރީތައް ފަހަނައަޅައި ދާ ވާހަކަތައް ކިޔައިދިނުން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ ރިތިކާ އެކު މަސައްކަތްކުރުމަކީ ކުރިޔަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ރިތިކް ބުނެފައިވަނީ ހޮމްބާލޭ ފިލްމްސްއަކީ ވަރަށް ތަފާތު ވާހަކަތަކެއް ކިޔައިދީފައިވާ ފަރާތެއް ކަމަށާއި، އެ މީހުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. މިއީ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި، އެ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ޚަބަރާއެކު، އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް އަނެއްކާވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހޮމްބާލޭ ފިލްމްސްގެ ކުރީގެ ކާމިޔާބީތަކާއި ރިތިކްގެ ޝޯމަންޝިޕް އެއްކޮށްލުމުން އުފެދޭނެ ނަތީޖާއަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިވެފައެވެ.