މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، (21އ)، ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު އަހުމަދު ޒިލާލް، (21އ) އަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) އަށް މައްސަލަ ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު މިއަދު 'ވަން' އަށް މިއަދު ވިދާޅުވީ، ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެ އޮފީހަށް ފޮނުވާފައިވާ މައްސަލަ ބަލައިގަތުމަށްފަހު ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ޔުމްނު ރަޝީދު، ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ރައުދު މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލިއެވެ. ނަމަވެސް އިތުރު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ރައުދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރި އިރު، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު 10 ދުވަސް ޖަހައިފައެވެ. އެ ފަހުން މި މަހުގެ 10 ވަނަ ދުވަހު ރައުދުގެ ބަންދަށް އަނެއްކާވެސް ފަސް ދުވަސް ޖެހިއެވެ.

ރައުދުގެ ބަންދު އެންމެފަހުން އިތުރުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އެފަހަރު އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުންވަނީ 20 ދުވަސް ޖަހައިފައެވެ.

ރައުދުގެ ބަންދު އިތުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްބުނެ އޭނާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ފުލުހުން އޭނާ ބަންދުން އިއްޔެ ދޫކުރި އިރު ހައިކޯޓުން އިއްޔެ ވަނީ އެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައެވެ.

ނަމަވެސް ފުލުހުން، ރައުދު ބަންދުން ދޫކޮށްލާފައިވާތީ ހައިކޯޓުން ވަނީ އެ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްފައެވެ.

ރައުދު ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރިއެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތާއި މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމުގެ ތުހުމަތެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ، ޖިންސީ ބޭނުން ހިފުމުގެ ކުށް އުނިކޮށްފައެވެ.

ޔުމްނުއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ފުލުހުން ބުނާ ގޮތުން އެ މައްސަލައިގެ ތަހުގީގަށް ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރިޔަސް އާއިލާގެ ފަރާތުން އެކަމަށް އެއްބާރުލުމެއް ނުލިބެއެވެ. އެހެންވެ މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.