މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 21، ބަންދުން ދޫކުށްލައިފިއެވެ.
ފުލުހުން އޭނާ ބަންދުން ދޫކޮށްލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ރައުދު ހައްޔަރުކުރީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.
ރައުދުގެ ބަންދު އިތުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްބުނެ އޭނާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ފުލުހުން އޭނާ ބަންދުން ދޫކުރި އިރު ހައިކޯޓުން މިއަދު ވަނީ އެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައެވެ.
ނަމަވެސް ފުލުހުން، ރައުދު ބަންދުން ދޫކޮށްލާފައިވާތީ ހައިކޯޓުން ވަނީ އެ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްފައެވެ.
ހައިކޯޓުގެ ދައުވާ ފޯމު ބާތިލުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ރައުދުގެ ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ހަމަޖެހިފައިވަނިކޮށް، އޭނާ މިއަދުގެ ހެނދުނު ބަންދުން ދޫކޮށްލާފައިވާތީ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްދިނުމަށް އެދި ރައުދުގެ ފަރާތުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އެހެންވެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ރައުދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބާތިލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ފާތިމަތު ފަރްހީޒް، ފަނޑިޔާރު މުހައްމަދު ފައިސަލް (ރިޔާސަތު) އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
ރައުދުގެ ފަރާތުން އޭނާގެ ބަންދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ ގާނޫނާ ހިލާފަށް ބަންދު ކުރި ކަމަށް ބުނެއެވެ. ރައުދުގެ ފަރާތުން އިސްތިއުނާފީ ފަސް ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ނުކުތާތައް:
- ދެ ހަސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ ފަނޑިޔާރު އަމިއްލައަށް މުއްދަތު ޖެހުން
- ފަނޑިޔާރު ހަވާލާދިން މާއްދާއާ ހިލާފަށް ބަންދުގެ މުއްދަތު ޖެހުން
- ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ހެކި ހުށަހެޅުން
- ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ބަންދުގެ މުއްދަތު އިތުރު ކޮށްދޭން އެދުން
- އާ ހެއްކެއް ހުށަހަޅާފައި ނެތިސް ހެކީގެ ނިސްބަތް، ދަރަޖަ މަތިކުރުން
ރައުދު ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރިއެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތާއި މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމުގެ ތުހުމަތެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ، ޖިންސީ ބޭނުން ހިފުމުގެ ކުށް އުނިކޮށްފައެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ޔުމްނު، ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނުއިރު އޭނާ އާއެކު އުޅުނީ ރައުދުއެވެ.
އެ މައްސަލައިގައި ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރި އިރު، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު 10 ދުވަސް ޖަހައިފައެވެ. އެ ފަހުން މި މަހުގެ 10 ވަނަ ދުވަހު ރައުދުގެ ބަންދަށް އަނެއްކާވެސް ފަސް ދުވަސް ޖެހިއެވެ.
ރައުދުގެ ބަންދު އެންމެފަހުން އިތުރުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އެފަހަރު އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުންވަނީ 20 ދުވަސް ޖަހައިފައެވެ.
ޔުމްނުއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފައެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ، މި މަހު އަށްވަނަ ދުވަހުގެ ރޭ ޗެނަލް 13 އަށް ދިން ވީޑިއޯ އިންޓަވިއެއްގައި ބުނެފައިވަނީ އިމާރާތުގެ މަތިން ޔުމްނު ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ޔުމްނު ކިޔައިދީފައިވާ ކަމަށެވެ.
ޔުމްނުގެ ދައްތަ ބުނެފައިވަނީ ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެ މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒު/ ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށެވެ.
މި މައްސަލައިގައި ޔުމްނުގެ ބަޔާން ނަގަން މަސައްކަތް ކުރިނަމަވެސް އެކަން ކުރެވިފައިނުވާކަމަށް މިމަހު ނުވަވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ. އެ ދުވަހު ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑުވި ހިސާބުން ފެށިގެންވެސް އޭނާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ.
ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިނުވާ ކަމަށާއި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން ޔުމްނުއާ ސުވާލުކުރަން ބޭނުންވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ ތަހުގީގަކީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާއި އެގޮތުން، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ފުލުހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ ރައުދު ދޫކޮށްލީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އަނިޔާވި އަންހެން ކުއްޖާ ހިމެނޭހެން އަށް މީހުން (ތިން އަންހެނުން، ފަސް ފިރިހެނުން) މާލޭގެ މެދުގައި ހުރި ގެއަކަށް ގޮސް އެ ގެއިން 18 ވަނަ ދުވަހުގެ ރޭގަނޑު 12:00-12:30 އާ ދެމެދު ނުކުމެއެވެ. އަދި އެ މީހުން ނުކުމެގެން އޭގެ ތެރެއިން ހަތަރު މީހުން އަމީނީ މަގުން ހެންވޭރުކޮޅުގައި ހުރި ގެއަކަށް ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ގެއަށް ގޮސްފައިވަނީ އަނިޔާވި އަންހެން މީހާއާއި ތިން ފިރިހެނުން ކަމަށާއި އޭގެ ތެރެއިން ދެ ފިރިހެނުން އެ ގެއަށް ދިޔައީ ސައިކަލުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނިޔާވި އަންހެން މީހާއާއި ދެން ހުރި ފިރިހެން މީހާ ހިނގާފައި ގޮސް އެގެއަށް ވަދެ، އެ ގޭގައި އެ ދުވަހުގެ ހަވީރު 4:30 ވަންދެން ތިބި ކަމަށް ފުލުހުން ބުނެފައިވެއެެވެ.
އޭގެ ފަހުގައި އެ ގެއަށް ދިޔަ އަންހެން މީހާއާއި ފިރިހެން މީހާ ހިނގާފައި ގޮސް ބުރުޒު މަގުގައި ހުންނަ ގެއަކަށް ވަންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ގެއަށް އެ ދެ މީހުން ވަން އިރުވެސް ހުރީ މަސްތުގެ ހާލަތުގައެވެ. އެކަން އަމަލުންވެސް އެނގޭ ކަމަށް ބުނެފައިވެއެވެ. އަދި އެ ގެއަށް ވަދެ، ސިޑިން 9 ވަނަ ފްލޯއާ ހަމައަށް އަރައި އެ ތަނުގައި ވަގުތުތަކެއް ހޭދަަވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
"އެ މީހުން ބޮޑަށް ހަރަކާތްތެރިވެފައިވަނީ 7،8،9 ވަނަ ފްލޯގައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އަންހެން މީހާ ވެއްޓުނީ 9 ވަނަ ފްލޯގެ ވައިގޮޅިން ކަމަށާއި އެއިރު އޭނާއާއެކު އެ ގެއަށް ވަން ފިރިހެން މީހާ ހުރީ އެހެން ފްލޯއެއްގައި ކަމަށެވެ. އެހެންކަމުން އެއީ އޭނާގެ ބައިވެރިވުން އޮވެގެން ވީކަމެއް ނޫން ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ ފިރިހެން މީހާއަކީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ މަސްތުވާތަކެތީގެ ދާއިމީ ނަތީޖާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ، އަންހެން މީހާ "ރޭޕް" ކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އަންހެން މީހާއަށް ޖިންސީ ގޯނާއެއް ކޮށްފައިވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު ފުލުހުންގެ ހޯމަސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކޮށް އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފައިވާކަމަށް މިމަހުގެ ފަސްވަނަ ދުވަހު ފުލުހުން "ވަން"އަށް މައުލޫމާތުދީފައިވެއެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު