ޔޫކޭއާއި އިސްރާއީލާ ދެމެދު ފްރީ ޓްރޭޑް މަޝްވަރާތައް މަޑުޖައްސާލައިފިއެވެ.

އިނގިރޭސި ސަރުކާރުން ވަނީ އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ މިލިޓަރީ ޖަރީމާތަކުގެ ސަބަބުން ދެގައުމު ދެމެދު ކުރިއަށްގެންދާ ފްރީ ޓްރޭޑް މަޝްވަރާތައް ސަސްޕެންޑު ކޮށްފައިވާ ކަމަށް ބުނެފައެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި އެގައުމުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ އިއްޔެ ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކުގެ ސަބަބުން ވެސް އެގައުމާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިނގިރޭސި ސަރުކާރުން ވަނީ އެ ގައުމުގައި ހުންނަ އިސްރާއީލުގެ އެމްބަސަޑަރު ފޮރިން މިނިސްޓްރީގެ އޮފީހަށްވެސް ހާޒިރުކޮށްފައެވެ.

ޔޫރަޕިއަން ޔޫނިއަން އިން ވެސް އިއްޔެ ވަނީ އިސްރާއީލާ ދެމެދު ވެފައިވާ ވިޔަފާރި އެއްބަސްވުންތައް ރިވިއުކުރުމަށް ނިންމައި އެކަމަށް ވޯޓުވެސް ލައިފައެވެ.

ޔޫކޭގެ އިތުރުން ފްރާންސާއި ކެނެޑާއިން ވެސް ވަނީ އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އަޑުއުފުލައިފައެވެ.

އެގޮތުން ޔޫކޭގެ ބޮޑުވަޒީރު ކެއިރް ސްޓާމާ ވަނީ ގާޒާގައި ކުޑަކުދިން އުޅެމުންދަނީ ދަތި ހާލުގައި ކަމަށް ވިދާޅުވެ، އިސްރާއީލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަށް ގޮވާލައިފައެވެ.