ޓެރަރިޒަމްގެ އަމަލު ހިންގުމަށް އަމަލީގޮތުން މަސައްކަތް ކޮށް، ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ ތުހުމަތާ ގުޅިގެން އިއުތިސާމް މުހައްމަދު ސައީދު، ގަމަރީގެ ގދ. މަޑަވެލި، ހައްޔަރުކޮށް، 2017 ވަނަ އަހަރު ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ކުރިމިނަލް ކޯޓުގައި ކުރިއެވެ.
މައްސަލައިގެ އިބްތިދާއީ މަރުހަލާ ގައި ދައުލަތުން އެދިގެން ދައަުވާ އިސްލާހުކުރަން ފުރުސަތުދިނުމުން ދައުވާ އިސްލާހު ކުރިއެވެ.
ނަމަވެސް ދައުވާ އިސްލާކުރުން ގޯސްކަމަށް ބުނެ، އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އިއުތިސާމްގެ ފަރާތުން ކުރިމިިނަލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ނަމަވެސް އިއުތިސާމްގެ މައްސަަލަ ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމިއެވެ.
އެހެންކަމުން އިއުތިސާމްގެ ފަރާތުން އަނެއްކާވެސް އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކަނޑައެޅި ނުވައެއް މާޗް 2022 ގައި މައްސަލައިގެ ދައުވާފޯމަށް ގެނައި ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
ހައި ކޯޓުގެ އެ ނިންމުމާ ގުޅިގެން ކުރީގެ ދައުވާ ފޯމު އޮތްގޮތަށް ކުރިއަށް ގެންދަން ކުރިމިނަލް ކޯޓުން ނިންމިއެވެ. އެކަމާ ގުޅިގެން 2017 ވަނަ އަހަރު އިއުތިސާމްގެ މައްޗަށް ކުރި ދައުވާފޯމު ދައުލަތުން އަލުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އަދި ކުރީގެ ދައުވާ ފޯމު ފޮނުވި އިރު، ހެކި ރައްކާތެރި ކުރުމަށް އެދި ދައުލަތުން ހުށަހެޅި ފޯމާއި މައްސަލައިގައި އޭރު ދައުވާ ފޯމު ހުށަހެޅި ފަހުން ސިއްރު ހެއްކެއް ހުށަހަޅާފައިވާނެ ކަމަށާއި މި ދެލިޔުން ދައުވާ ފޯމާއެކު ފޮނުވާފައިނުވާތީ އިދާރީ ބޭނުމަށް އަލުން ހެކި ރައްކާތެރިކުރުމަށް އެދި ހުށަހެޅި ފޯމާއި ސިއްރު ހެކި ހުށަހެޅި ސިޓީގެ ކޮޕީ ފޮނުވާ ކަމަށް ބަޔާންކޮށް ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވިއެވެ.
އޭގެ އިތުރުން އޭގައި ހިމެނޭ ސިއްރު ހެކި އެެކެއް، "ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން" ސިއްރު ކުރުމަށް މިދިޔަ މަހު 13 ގައި ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
އެގޮތަށް ކަނޑައެޅި ސަބަބެއް ކަމަށް ބަޔާން ކޮށްފައިވަނީ، ހެކިދިން ފަރާތުގެ އައިޑެންޓިޓީ ހާމަވާ މައުލޫމާތުތައް އޭގައި ހުރުމުން، އެ މައުލޫމާތު ހާމަވެއްޖެނަމަ، އެއީ ކާކުކަން ދެނެގަނެ، މައްސަލައިގެ ބާވަތާއި ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ އަމަލުގެ ބާވަތަށް ބަލާއިރު، ސިއްރު ހެކިވެރިޔާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެނުމެވެ.
މިއީ އިއުތިސާމްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ހުކުމެކެވެ.
މި މައްސަލައިގެ އިސްތިއުނާފްގައި އެދިފައިވަނީ ސިއްރު ހެކީގެ ބަޔާން ސިއްރު ކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރަކީ، މި މައްސަލައާ ގުޅިގެން މީގެކުރިން ހައިކޯޓުން ނިންމި ނިންމުމާ ތައާރަޒުވާ އަމުރެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އިޖުރާއީ ގޯސްތަކުގެ ސަބަބުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގަށް އުނިކަން ލިބެމުންދާތީ، ހައިކޯޓުގެ ނިންމުމާ ގުޅިގެން 2017 ވަނަ އަހަރު ހުށަހެޅި ދައުވާ ފޯމަށް ކުރިމިނަލް ކޯޓުން ރުޖޫއަވުމަށާއި އަދި 2017 ވަނަ އަހަރު ހުށަހެޅި ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަކީ އިއުތިސާމާ ދެކޮޅަށް އެމައްސަލައިގައި ހުށަހެޅިފައިވާ ހަމައެކަނި ހެކިތައް ކަމަށް ބަލައިގެން މައްސަލަ ކުރިއަށް ގެންދިޔުމަށް އަމުރުކޮށް ދިނުމަށެވެ.
މީގެ އިތުރުން ސިއްރު ހެކީގެ ބަޔާން ސިއްރު ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު، ސިއްރު ހެކީގެ ބަޔާން ސިއްރު ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކަމަށް ހައިކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ. އޭގެ އިތުރުން 2017 ވަނަ އަހަރު އިއުތިސާމްގެ މައްޗަށް ޕީޖީ އޮފީހުން ކުރިމިނަލް ކޯޓުގައި ކުރި ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކި ތަކަކީ އިއުތިސާމްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ކަމުގައި ބަލައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓަށް އަންގާ ކަމަށްވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް