އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ހިންގާ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ގޯސްވެފައިވާތީ އެ އޮފީހުގެ ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފިއެވެ.
އައިކޮމްއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އިމާރާތުގެ ހާލަތު ގޯސްވުމުގެ ސަބަބުން އޮފީހުގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް ނެތް ކަމަށެވެ. އެހެންވެ މާދަމާއިން ފެށިގެން އެ އޮފީހުގެ ހިދުމަތްތައް ދެމުންގެންދާނީ އޮންލައިންކޮށް ކަމަށެވެ.
އޮފީހުގެ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 3010990 އަށް ގުޅުމުން މައުލޫމާތު ސާފުކުރެވެން ހުންނާނެ ކަމަށް އައިކޮމްއިން ބުންޏެވެ.
އައިކޮމް އޮފީހުގެ މިއަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ނެރުނު އެ އޮފީހުގެ އަހަރީ ރިޕޯޓުގައިވެސް ވަނީ އެ އޮފީހުގެ ހާލަތު ދަށްވުމުގެ ސަބަބުން މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެކަށީގެންވާ މާހައުލެއް ނެތްކަން ފާހަގަކޮށްފައެވެ.
އެގޮތުން އިމާރާތުގެ ޖާގަ ކުޑަވުމާއި ފޫ ޖަހާފައި ހުރުމުގެ ސަބަބުން މުވައްޒަފުން މަސައްކަތް ކުރަނީ ދެ ޝިފްޓަކަށް ބަހާލައިގެންކަން އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފާހަނާ އާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި ފޫ ޖެހުމުގެ ސަބަބުން މަސައްކަތައް ދަތިވެފައިވާ ކަމަށާއި މަރާމަތު ކުރުމުން އެކަންކަމަށް ވަގުތީ ހައްލެއް ލިބުނު ނަމަވެސް ދެތިން މަސްފަހުން އަލުން ކުރީގެ ހާލަތަށް އިމާރާތުގެ ހާލަތު ވެއްޓޭނެ ކަމަށް އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު ފާހަނާ އާއި ސައިކޮޓަރީގެ އިތުރުން ބައްދަލުވުންތަކާއި އަޑުއެހުންތައް ބޭއްވުމަށް އޮފީހުގައި ހުރި ހަމައެކަނި މީޓިން ރޫމުގެ ތެރެއަށް ފެނުގެ އަސަރުކޮށް ހުޅަނގު ފަރާތު ފާރާއި ކާޕެޓް ހަލާކުވަމުން ދިއުމާއި ނުސާފު ފެނުގެ ސަބަބުން ދުވާ ވަހުން މީޓިން ރޫމް ވެސް ބޭނުންކުރަން ވަނީ ދަތިވެފަ އެވެ،" އައިކޮމް އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ.
ގިނަގިނައިން އޮފީސް މަރާމާތު ކުރަން ޖެހޭތީ އެކަމަށް ހައްލެއް ހޯދައިދޭން ކަމާގުޅޭ އިދާރާތަކަށް ޖެނުއަރީ، 2017 އިން ފެށިގެން އެދެމުން އަންނަ ކަމަށާއި ހަތް އަހަރު ވެގެން ދިޔައިރު އަދިވެސް ކަމާބެހޭ ފަރާތްތަކުން ހައްލެއް ހޯދަދީފައިނުވާ ކަމަށް އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ.
މުހައްމަދު އިޝާން
އިންފޮމޭޝަން ކޮމިޝަނަރު
އިންފޮމޭޝަން ކޮމިޝަނަރު
އިންފޮމޭޝަން ކޮމިޝަނަރު
އިންފޮމޭޝަން ކޮމިޝަނަރު