ބޮލީވުޑްގެ ޒުވާން ތަރީން ކަމަށްވާ އަނަންޔާ ޕަންޑޭ އަދި އިޝާން ކައްޓަރު ފޯބްސްގެ 30 އަންޑަރ 30 އޭޝިއާ ލިސްޓްގައި ހިމެނިއްޖެއެވެ. މި ދެ ތަރީންނަކީ މިހާރު ބޮލީވުޑްގައި އެންމެ މަގްބޫލު ޒުވާން ތަރީންގެ ތެރެއިން ދެ ތަރިއެވެ.

އަނަންޔާ ޕަންޑޭ ބޮލީވުޑަށް ތައާރަފުވީ 2019 ގައި "ސްޓޫޑެންޓް އޮފް ދަ ޔިއަރ 2" އިންނެވެ. މިހާތަނަށް 11 ފިލްމެއްގައި ބައިވެރިވެފައިވާ އަނަންޔާ އަކީ ބޮލީވުޑް މަގުބޫލު އެކްޓަރު، ޗަންކީ ޕާންޑޭގެ ދަރިއެކެވެ. އޭނާ އަކީ ޝަނެލްގެ ފުރަތަމަ އިންޑިއަން ބްރޭންޑް އެމްބެސެޑާވެސް މެއެވެ.

އިޝާން ފުރަތަމަ ފެނުނީ "ބިޔޯންޑް ދަ ކްލައުޑްސް" އިންނެވެ. އޭނާ ވަނީ ނިކޯލް ކިޑްމަންއާ އެކު "ދަ ޕަރފެކްޓް ކަޕަލް" ގައި ބައިވެރިވެފައެވެ. އިޝާންގެ އާ ފިލްމު "ހޯމްބައުންޑް" ކާންސް ފިލްމް ފެސްޓިވަލްގައި ވެސް ދައްކާނެ އެވެ.

އަނަންޔާ އާއި އިޝާން އެއްކޮށް ފެނިފައިވަނީ 2020 ގެ ފިލްމު "ކާލީ ޕީލީ" ގައެވެ. އަނަންޔާ އެންމެ ފަހުން ފެނުނީ "ކޭސަރީ 2" ގައެވެ. އަދި އިޝާން އެންމެ ފަހުން ފެނުނީ ނެޓްފްލިކްސްގެ "ދަ ރޯޔަލްސް" ގައެވެ.