އެމެރިކާގެ ދެ ސްޓޭޓަކަށް ނަގޫރޯޅި އަރައި 21 މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ މެދުތެރޭ ސަރަހައްދަކަށް އެރި އެ ނަގޫރޯޅިތައް އަރާފައިވަނީ ކެންޓަކީ އާއި މިސޯރީ ސްޓޭޓަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އަރަންފެށި އެ ނަގޫރޯޅިތަކުގައި ކެންޓަކީ ސްޓޭޓުން 14 މީހުން މަރުވެފައިވާއިރު މިސޯރީއިން ހަތް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކެންޓަކީ ސްޓޭޓުގެ އިރު ދެކުނު ލައުރެލް ކައުންޓީ ސަރަހައްދަށް އަރާފައިވާ ނަގޫރޯޅީގެ ސަބަބުން ބޮޑެތި ގެއްލުން އެސަރަހައްދަށް ލިބިފައިވާއިރު މަރުވެފައިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަގޫރޯޅިތައް އަރާފައިވާ މިސޯރީގެ 5000 އަށްވުރެން ގިނަ ގެއަށް ގެއްލުން ވެފައިވާއިރު އެސްޓޭޓުން ކަރަންޓު ކެނޑި އަސާސީ ހިދުމަތްތަކުން އާންމުން މަހުރޫމުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަގޫރޯޅި އެރި ކެންޓަކީ އާއި މިސޯރީ އިން ޖުމްލަ 140،000 ތަނަކަށް ބޮޑެތި ގެއްލުންވެ ކަރަންޓު ކެނޑިފައިވާ ކަމަށާއި ލިބިފައި ހުރި ގެއްލުންތައް ބެލުމަށް ޓީމުތަކުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ނަގޫރޯޅި އެރި ދެ ސްޓޭޓުން ވެސް ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.