ރައްޔިތުންގެ މަޖިލީހުގެ މިއަހަރުުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު މަސައްކަތްތަކުގެ ތެރެއިން 77 ޕަސެންޓް މަސައްކަތް ނިންމައި މިއަދު މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.

މި ދައުރުގެ ފަހު ޖަލްސާގެ ގޮތުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ދައުރުގެ ތެރޭގައި މަޖިލީހުގެ 32 ޖަލްސާ ބާއްވާފައިވާ އިރު، އެ ޖަލްސާތަކުގައި 59 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށެވެ. އަދި ޖުމުލަ 193 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާ އިރު، 139 ގަޑިއިރާއި 37 މިނެޓު ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހޭދަކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި ނުވަ ބިލު ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިމިގްރޭޝަންގެ ގާނޫނާއި، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއި ގޭންގު ކުށްތައް ހުއްޓުވުމަށް ގާނޫނުތަކަށް ގެނައި މުހިންމު އިސްލާހުތައް ހިމެނޭކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ ދައުރު ފަށާފައިވަނީ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށްދާނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.