ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ އެ ސްކޮލާޝިޕް ފަންޑްގެ ބޭނުމަކީ ބޭންކިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތް ކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުން ކަމަށެވެ.

ބީއެމްއެލުން ބުނީ މި ސްކޮލާޝިޕަކީ ބޭންކިން އަދި ފައިނޭންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަން ޝައުގުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން މި ދާއިރާއިރާއިން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެއް ކަމަށެވެ.

މި ސްކޮލާޝިޕަކީ މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް، ގާބިލުކަން އިތުރުކުރުމަށް ބޭންކުން ކުރާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށްވެސް ބޭންކުން ބުންޏެވެ.

މި ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރިންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އިތުރުން ދަތުރުފަތުރުގެ ހަރަދު ބޭންކުން ހަމަޖައްސައިދޭނެއެވެ. އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް މި ސްކޮލާޝިޕަށް ކުރިމަތިލެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.

ދެހާސް ބާވީސް ވަނަ އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑް ތައާރަފް ކުރުމަށް ފަހު މިހާތަނަށް ނުވަ ދަރިވަރަކަށް ސްކޮލާޝިޕް ދީފައިވެއެވެ. މި ދަރިވަރުން ޔޫކޭ އަދި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގައި ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

މި ސްކޮލާޝޮޕް ފަންޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 10 ޖޫން 2025 އެވެ. ފަންޑަށް ކުރިމަތުލުމުގެ ޝަރުތުތަކުގެ މައުލޫމާތާއި ފަންޑަށް އެދި ހުށަހަޅާނެ ގޮތް https://www.bankofmaldives.com.mv/bml-scholarship-fund، މި ލިންކުން ފެންނާނެއެވެ.