މަސައްކަތުގެ މާހައުލުގައި ސުންގަޑިއަށް ނިންމަން ޖެހޭ ކަންކަން އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އަހަރެމެންގެ ސިކުނޑިއަށް ކުރާ ބާރު ބޮޑުވެ، ޕްރެޝަރުތައް އިތުރުވެއެވެ. މި ކަންކަމުން ލުޔެއް ހޯދައި، ހިތްހަމަޖެހުން ހޯދުމަށް މައިކްރޯބްރޭކްތައް ނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މައިކްރޯބްރޭކްތަކަކީ 30 ސިކުންތުން ފެށިގެން 5 މިނެޓާ ހަމައަށް ނެގޭ ކުރު ހުސްވަގުތުކޮޅުތަކެކެވެ.
ކަމާ ގުޅުން ހުރި އެކްސްޕާޓެއް ކަމުގައިވާ، ރައުންޑްގްލާސް ލިވިންގެ ގްލޯބަލް ހެޑް އޮފް މެންޓަލް ހެލްތް އެންޑް ވެލްބީއިން، ޕްރަކްރިތި ޕޮޑްދާރު ބުނާ ގޮތުގައި މައިކްރޯބްރޭކްތަކުން ސްޓްރެސް ކުޑަކޮށް، ވިސްނުން ސާފުކޮށް، އުފެއްދުންތެރިކަން އިތުރުކުރެވޭނެ އެވެ. އޭނާ ބުނާ ގޮތުގައި އިންސާނުންގެ ސިކުނޑި ބައްޓަންވެފައި ވަނީ ބަދަލުތަކަށް އިޖާބަދޭ ގޮތަށެވެ. އެހެންކަމުން ދިގު މުއްދަތަކަށް އެއް ކަމެއްގައި ސަމާލުކަން ބެހެއްޓުމުން މަސައްކަތުގެ ފެންވަރު ދަށްވެއެވެ.
މައިކްރޯބްރޭކްތައް ނެގުމަށް އެޅިދާނެ ފަސް ފިޔަވަޅެއް ޕްރަކްރިތީ ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި:
- ނޭވާލުމުގެ ތަމްރީނެއް ކުރުން: 4-4-4 ގެ އުސޫލުން ނޭވާލުމުން ނާރުތަކަށް އަރާމު ލިބި، ސަމާލުކަން އިތުރުވެއެވެ.
- ހަށިގަނޑު އަރާމުކޮށްލުމަށް ކުޑަ ހަރަކާތެއް ކުރުން: ތެދުވެ، ސްޓްރެޗްކޮށްލުން ނުވަތަ ކުޑަ ހިނގާލުމަކުން ހަކަތަ އާކުރެވޭނެ އެވެ.
- އިހުސާސްތަކަށް ސަމާލުކަން ދިނުން: އަޑުތަކަށް ނުވަތަ ވަސްތަކަށް ސަމާލުކަން ދިނުމުން ވިސްނުން ސާފުވެއެވެ.
- ގުދުރަތީ މަންޒަރަކަށް ބެލުން: ކޮންމެ ބައިގަޑިއަކުން އެއްފަހަރު ސްކްރީނުން ލޯ ދުރުކޮށް، ގުދުރަތީ މަންޒަރަކަށް ބެލުމުން ލޮލަށް އަރާމު ލިބެއެވެ.
- އުފާވެރި ވަގުތެއް ހިތުގައި ސިފަކުރުން: ލޯބިވާ މީހުންނާއެކު ހޭދަކުރާ ވަގުތެއް ހިތުގައި ސިފަކުރުމުން ސިކުނޑިއަށް ހަމަޖެހުން ލިބެއެވެ.
ޕްރަކްރިތީ ބުނާ ގޮތުގައި މައިކްރޯބްރޭކްތަކަކީ ކޮންމެހެން މަސައްކަތުން ދުރުވުމެއް ނޫނެވެ. އޭގެ ބަދަލުގައި އިތުރު ހަކަތައާއެކު މަސައްކަތަށް އެނބުރި އައުމެވެ. މިފަދަ ކުދި ހުސްވަގުތުކޮޅުތަކުން މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރެވޭނެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ބޭސް
ރަށު ކައުންސިލް