މިިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު 21އ ގެ ބަޔާން ނެގުމުގެ ފުރުސަތު އަދިވެސް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޔުމްނުގެ ފަރާތުން އޭނާގެ ދައްތައެއް ރޭ ވީޑިއޯ މެސެޖެއް ދީފައިވާ އިރު، ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑުވި ހިސާބުން ފެށިގެންވެސް އޭނާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިނުވާ ކަމަށާއި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން ޔުމްނުއާ ސުވާލުކުރަން ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތަހުގީގަކީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާއި އެގޮތުން، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ޔުމްނުގެ އާއިލާއިން ރޭ ދިން ވީޑިއޯ މެސެޖުގައި ޔުމްނުގެ ދައްތައަކު ޔުމްނުއާ ހަވާލާދީ ބުނެފައިވަނީ، ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެ މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށެވެ.

ޔުމްނުގެ ދައްތަ ޔުމްނުއާ ހަވާލާދީ ބުނީ ފެންޓެނޯއީއަށް ޔުމްނުއާއެކު ވަން ރައުދު އަހުމަދު ޒިލާލް 21އ ގެ އިތުރުން ޔައްސާރާއި އިތުރު ތިން މީހަކުވެސް އުޅުނު ކަމަށެވެ. ނަމަވެސް އެ ތިން މީހުންގެ ނަމެއް އޭނާ ނުބުނެއެވެ.

ޔުމްނުގެ ދައްތަ ޔުމްނުއާ ހަވާލާދީ ބުނެފައިވަނީ ފެންޓެނޯއީއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށެވެ.

ޔުމްނުއަށް ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ އިރު، އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. ނަމަވެސް ޔުމްނު ވެއްޓުނު ރޭ އިތުރު ބަޔަކާއެކު ޔުމްނު އުޅެފައިވާ ކަމަށް ފުލުހުންވެސް ބުނެފައިވެއެވެ.

ފުލުހުން ވަނީ އެ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް ފަރާތްތަކާ އާއިލީ ގޮތުން ގުޅުންހުރި މީހުންވެސް ހިމެނެއެވެ.