ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔާން ޚާންގެ ފުރަތަމަ ޑައިރެކްޝަން، "ދަ ބޭޑްސް އޮފް ބޮލީވުޑް" މިއަހަރު ނެޓްފްލިކްސްގައި ދައްކަން ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ސީރީޒްގައި މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވާ ކަމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން ސަލްމާން ޚާން، އާލިޔާ ބަޓް، ރަންބީރު ކަޕޫރު އަދި ރަންވީރު ސިންގް ފަދަ މަދަ މަޝްހޫރު ތަރިން ބައިވެރިވާނެ އެވެ. ސައިފް އަލީ ޚާންގެ ދަރިން ކަމަށްވާ ސާރާ އަލީ ޚާން އަދި އިބްރާހިމް އަލީ ޚާންވެސް މި ސީރީޒްގައި ކުޑަވަގުތުކޮޅަކަށް ފެންނާނެ އެވެ.

ނެޓްފްލިކްސްގެ ސީއީއޯ ޓެޑް ސަރަންޑޯސް ބުނާ ގޮތުގައި މިއީ ވަރަށް މަޖާ ސީރީޒްއެކެވެ. މި ސީރީޒްގައި ބޮލީވުޑްގެ ތަފާތު ކަންކަން ދައްކުވައިދޭނެ އެވެ. މި ސީރީޒް އުފައްދަނީ ގައުރީ ޚާން އެވެ. ސްކްރިޕްޓް ލިޔެފައިވަނީ އާރްޔާން ޚާން، ބިލާލް ސިއްދީޤީ އަދި މަނާވް ޗައުހާން އެވެ.

މި ސީރީޒްގައި ޝާހުވެސް ކުޑަ ވަގުތުކޮޅަކަށް ފެންނާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. މިއީ ނެޓްފްލިކްސް އާއި ރެޑް ޗިލީސް އެންޓަޓެއިންމަންޓާ އެކުގައި ކުރެވޭ 6 ވަނަ މަސައްކަތެވެ.