މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު ކަމަށްވާ މުލި އެއާޕޯޓް ތަރައްގީކޮށް އާންމު ދަތުރުތަކަށް ހުޅުވާލައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ބުނީ މި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި ދަތުރުތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ޑޮމެސްޓިކް އުދުހުންތައް އޮޕަރޭޓު ކުރާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އާރުއޭސީއެލުން ވަނީ ބުނެފައެވެ.

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މިދިޔަ މަހުގެ 25 ވަނަ ދުވަހު ޓެސްޓް ފުލައިޓު ވެސް ވަނީ ޖައްސައިފައެވެ. މުލީ އެއާޕޯޓަކީ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓު ތަރައްގީކުރަން ފެށީ 2021 ވަނަ އަހަރެވެ. 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ އެއާޕޯޓަކީ 1.5 ކިލޯމީޓަރުގެ ރަންވޭއަކާއި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

އެއާޕޯޓަށް 36 ހެކްޓަރުގެ ބިން އެ ރަށުން ހިއްކާފައިވެއެވެ.