ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފިއެވެ.

އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޮފިޝަލަކު ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

"ސުޕްރީމް ކޯޓުން ވަނީ އުއްތަމަ ފަނޑިޔާރުގެ ރިޓަޔާކުރުމަށް އެދި ސިޓީއެއް ފޮނުވާފައި ޖޭއެސްސީއަށް" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ސުޕްރީމް ކޯޓުން، އުއްތަަމަ ފަނޑިޔާރުގެ ރިޓަޔާމެންޓް ސަބްމިޝަން ހުށަހެޅުއްވީ މިއަދު ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާކުރެއްވުމަށް އެ މަނިކުފާނު ހުށަހެޅުއްވި އިރު، ސުޕްރީމް ކޯޓަށް ހުށަހެޅި ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ކޯޓުގައި ވަނީ ހުއްޓިފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލަމުންދާއިރު ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.

އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ފަނޑިޔާރުންކަމުން ސަސްޕެންޑުކޮށްފައެވެ. ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޑުގައި ހުންނަވައިގެން ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ސުއޫދުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ވަނީ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފައެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ ދެކޮޅަށް ބަންދު އަމުރަކަށް ނުފޫޒު ފޯރުވި މައްސަލައެއް ތަހުގީގުކޮށް، އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް މީގެ ކުރިންވެސް އެ މަނިކުފާނު ވަނީ ދެއްވައިފައެވެ.

އާ ވަކީލުން ހުވާކުރުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ބާ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ އެފަދަ ޖަލްސާއެއްގައި އެ ހައިސިއްޔަތުން ދެން އެމަނިކުފާނު ނުފެނިދާނެ ކަމަށެވެ.

"އަޅުގަނޑުގެ އަޑު ވެސް މިހާރު މި ހުރީ ވަރަށް މަޑުކޮށް. އެކަމަށް މާފަށް ވެސް އެދެން. އަޅުގަނޑު ފުރަތަމަ ވެސް ދަންނަވާލާނީ އަޅުގަނޑަކީ މިހާރު ވަރަށް ދުވަސްވީ މީހެކޭ. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް" އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާތާ 32 އަހަރުވެފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ އެ ދާއިރާއިން ނުކުންނެވި އިރާ މިހާރު ކަންކަން އޮތް ގޮތް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އަދި އެ މަނިކުފާނު ވަކީލުކަން ކުރަން ނުކުންނެވި އިރު، އޭރު އިސްކޮށް ތިއްބެވި ބޭފުޅުން ވަރަށް އަގުހުރި ނަސޭހަތް ދެއްވި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން މަސައްކަތް ފަށައިގެންއިރު، މުހިންމު ކަމަކަން އޭރު ތިއްބެވި ވަކީލުން ދެއްވާ ނަސޭހަތަކީ ސިއްރު ހިފަހައްޓައްޗޭ، ވަކީލުން ވަކީލުކަން ކުރާއިރު، ސިއްރު ހިފަހައްޓައްޗޭ،" އާ ވަކީލުންނަށް ނަސޭހަތް ދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް މިދިޔަ އަހަރު ވެސް ފެތުރުނެވެ. ނަމަވެސް އެފަދަ އިޝާރާތެއް އަމިއްލަފުޅަށް ކުރައްވާފައި މިވަނީ ސިއްހީ ހާލުކޮޅު ގޯސްވެގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާވެސް ދީފައި ވަނިކޮށެވެ.

ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އައްޔަންކުރެއްވީ 10 އޮގަސްޓު 2010 ގަ އެވެ. އެ މަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވައިފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އެ މަނިކުފާނު ވަކިކުރެއްވީ ވެސް 2014 ވަނަ އަހަރުގައެވެ.

ނަމަވެސް 2019 ވަނަ އަހަރު، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެ މަނިކުފާނުގެ ނަންފުޅު އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވިއެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވައި ކުރެއްވީ 2019 ޑިސެމްބަރު 8 ގަ އެވެ.

އެ މަނިކުފާނު ވަނީ 1994 އިން 2001 ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ) ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވައިފައެވެ. މީގެ އިތުރުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތްކުރައްވާފައިވަނީ ލޯ ފާމެއް ކަމަށްވާ ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ.