ސެމްސަންގްގެ އެންމެ ތުނި ފްލެގްޝިޕް ސްމާޓްފޯނު، ގެލެކްސީ އެސް25 އެޖް، މި މަހުގެ 13 ވަނަ ދުވަހު ލޯންޗްކުރާނެ ކަމަށް ސެމްސަންގް އިން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.

މި ފޯނު ފުރަތަމަ ދައްކާލީ މިއަހަރުގެ ޖެނުއަރީ މަހު ބޭއްވި ގެލެކްސީ އަންޕެކްޑް އިވެންޓުގައެވެ. އޭގެ ފަހުން މޯބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) ގައިވެސް މި ފޯނުގެ ތުނި ޑިޒައިން ދައްކާލާފައިވެއެވެ.

"ބިޔޯންޑް ސްލިމް" ގެ ނަމުގައި ބާއްވާ މި އިވެންޓް، އިންޑިއާ ގަޑިން ހެނދުނު 5:30 ގައި ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ. ޔޫޓިއުބާއި ސެމްސަންގް.ކޮމް އިން ލައިވްކޮށް މި އިވެންޓް ބަލައިލެވޭނެއެވެ.

ސެމްސަންގް އިން ބުނެފައިވާ ގޮތުގައި މިއީ ހަމައެކަނި ތުނި ފޯނެއް ނޫނެވެ. ގެލެކްސީ އެސް25 އެޖްއިން ސްމާޓްފޯނަކުން ހާސިލުކުރެވޭނެ ކަންކަމުގެ އާ މިންގަނޑެއް ކަނޑައަޅާނެ އެވެ.

ފޯނުގެ މައިގަނޑު ސިފަތަކުގެ ތެރޭގައި:

  • 200 މެގަޕިކްސެލްގެ ވައިޑް ލެންސެއް ހުންނާނެ
  • ޕްރޮފެޝަނަލް ފެންވަރުގެ ކެމެރާ ފީޗާތައް ހުންނާނެ
  • ގެލެކްސީ އޭއައި ފީޗާތައް ހިމެނޭނެ

ހަބަރުތައް ބުނާ ގޮތުގައި މި ފޯނުގެ އިތުރު ސްޕެސިފިކޭޝަންތަކުގެ ތެރޭގައި:

  • 5.84 މިލިމީޓަރުގެ ބޯމިނެއް ހުންނާނެ
  • 3900mAh ބެޓެރީއެއް ހުންނާނެ
  • ޑުއަލް ކެމެރާ ސިސްޓަމެއް ހުންނާނެ
  • ސްނެޕްޑްރެގަން 8 އެލީޓް ޕްރޮސެސަރ ބޭނުންކުރާނެ
  • 6.7 އިންޗީގެ ސުޕަރ އެމަރ އެމޯލެޑް ޑިސްޕްލޭއެއް ހުންނާނެ
  • 120Hz ރިފްރެޝް ރޭޓް އަދި FHD+ ރެޒޮލިއުޝަން ހުންނާނެ
  • 200MP ޕްރައިމަރީ ކެމެރާ (ISOCELL HP2 ސެންސަރ) އަދި 12MP އަލްޓްރާވައިޑް ކެމެރާ ހުންނާނެ

އެމެރިކާގައި މިހާރު މިފޯނުގެ ޕްރީ-ރިޒަވޭޝަން ވަނީ ފަށައިފައެވެ. ޕްރީ-ރިޒަވޭޝަން ހަދާ ފަރާތްތަކަށް 50 ޑޮލަރުގެ ސެމްސަންގް ކްރެޑިޓެއް ލިބޭނެއެވެ. ފޯނުގެ ހުރިހާ ސްޕެސިފިކޭޝަންތަކެއް ކަށަވަރު ވާނީ ލޯންޗިން އިވެންޓުގަ އެވެ.