ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވައިފިއެވެ.

ޝުޖާއު، ފުލުހުންގެ ހިދުމަތުުން ރިޓަޔާކުރެއްވުމަށް މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

އެ ރަސްމިއްޔާތުގައިި ޕޮލިސް ކޮމިޝަނަރުގެ ޒިންމާއާ ވަގުތީގޮތުން ހަވާލުވެހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ޝުޖާއުގެ އާއިލާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ޝުޖާއު ވަނީ، ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުން ޝުޖާއު އިސްތިއުފާދެއްވާފައިވަނީ މިދިޔަ މަހުގެ 26 ގައެވެ. ޝުޖާއު އިސްތިއުފާދެއްވާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ އިސްތިއުފާދެއްވަން ގޮވާލަމުންދަނިކޮށެވެ.