ބޮލީވުޑްގެ ރަސްގެފާނު، ޝާހުރުކް ޚާން، 59 އަހަރުގެ އުމުރުގައި، މެޓް ގާލާގައި ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ. ނިއު ޔޯކް ސިޓީގެ މެޓްރޮޕޮލިޓަން މިޔުޒިއަމް އޮފް އާޓްގައި ބޭއްވި މި އިވެންޓުގައި ޝާހު ބައިވެރިވެފައިވަނީ އޭނާގެ ދަރީންގެ އެދުމުގެ މަތިން ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ސުޕަފައިން: ޓެއިލަރިން ބްލެކް ސްޓައިލް" މި ތީމާ އެއްގޮތަށް، ޝާހު ލައިގެން ހުރީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރު ސަބްޔަސާޗީ މުކަރްޖީ ޑިޒައިން ކޮށްފައިވާ ހެދުމެކެވެ. މި ހެދުމުގައި ހިމެނެނީ ޓަސްމޭނިއަން ސުޕަފައިން ވޫލުން ހަދާފައިވާ ދިގު ކޯޓަކާއި، ކްރޭޕް ޑެ ޗައިން ސިލްކް ގަމީހަކާ، ފަޓުލޫނެކެވެ. މީގެ އިތުރުން 18 ކެރެޓް ރަނުން ހަދާފައިވާ ބެންގާލް ޓައިގަރ ހެޑް ކޭނެއް އޭނާ ވަނީ ގެންގުޅެފައެވެ.

https://www.instagram.com/p/DJSptl7Sr5q/?img_index=1&igsh=MWJqZzBqeTYyMW9ndw==

ޝާހުގެ ފެނިލުމަށް، އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އޭނާގެ ހާއްސަ ހިނިތުންވުމާއި ބަހުރުވައެވެ. "މިއީ އަހަރެންގެ ފަހު މެޓް ގާލާއަށް ވެސް ވެދާނެ." މަޖާވެފައި އޭނާ ބުނެފައިވެއެވެ. އަދި ސަބްޔަސާޗީއަށް ޝުކުރު އަދާކުރަމުން ބުނީ "މިރޭގެ ލުކަކީ އަހަރެން އެންމެ ރަނގަޅަށް ފީލްވާ ގޮތް" ކަމަށެވެ.

މެޓް ގާލާގެ ނޫ ކާޕެޓުގައި ޝާހު ދެއްކި އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރަކީ އޭނާގެ މަޝްހޫރު ޕޯޒް ދެއްކި ވަގުތެވެ. މި ޕޯޒަކީ އޭނާގެ ގިނަ ފިލްމުތަކުގައި ދައްކާ، ފޭނުންގެ މެދުގައި ވަރަށް މަގުބޫލު ޕޯޒެކެވެ. މި ޕޯޒުގައި ޝާހު އޭނާގެ ދެ އަތް ދެފަރާތަށް ހުޅުވާލައެވެ.

މި އަހަރުގެ މެޓް ގާލާގައި އިންޑިއާގެ މަޝްހޫރު އެތައް ތަރީންނެއް ބައިވެރިވިއެވެ. މީގެ ތެރޭގައި ކިއާރާ އަދްވާނީ، ދިލްޖިތް ދޯސަންޖް، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަދި އީޝާ އަމްބާނީ ހިމެނެއެވެ. ނަމަވެސް ޝާހުގެ ފުރަތަމަ ބައިވެރިވުމަކީ އެންމެ ބޮޑަށް ސަމާލުކަން ލިބުނު ކަމެވެ.