ރާއްޖޭގެ ތަރައްގީގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާއިން ދީފިއެވެ.
އެ ޔަގީންކަން ރާއްޖެއަށް ދިނީ، އެ ގައުމުގެ އުމް އަލް ގުވައިންގެ ދެވަނައަށް އެންމެ އިސްވެރިޔާ ޝައިހު އަބްދުﷲ ބިން ރާޝިދު އަލްމުއައްލާއި އެމްބީއެސް އިންވެސްޓްމަންޓްސްގެ ޗެއަމަނާއި ސައުދީގެ ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ އިތުރުން އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލްއެލްސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ވަކިވަކިން މިއަދު ބޭއްވި ބައްދަލުކުރެއްވުންތަކުގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ޝައިހް އަބްދުﷲ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅު ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން ޔޫއޭއީން ފާޅުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގައި އިންވެސްޓުކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފައެވެ.
މީގެ އިތުރުން ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި ފޮސިލް ފިއުލް އަށް ބަރޯސާވުން ކުޑަކުރުމާއި ދަނޑުވެރިކަން ކުރިއަރުވައި، ދިގު މުއްދަތުގައި ހަމަޖެހުމާއި ތަރައްގީ ކަށަވަރުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ރާއްޖެ އާއި ޔޫއޭއީގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
އިންވެސްޓްމަންޓްސްގެ ޗެއާމަން މަރްވާން އަލްހާޖިރީ ރައީސް މުއިއްޒުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ، ދެ ފަރާތަށް ފައިދާވާނެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، ކާމިޔާބުކަމާއެކު، ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރައްވާނެ ޔަގީންކަން ދެއްވައިފައެވެ.
ސައޫދީ އަރަބިއްޔާގެ ޕްރިންސް ފަހަދް ސައުދު އަލްޝަލަން ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ، ރާއްޖޭގެ ތަރައްގީއަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައޫދީ އަރަބިއްޔާއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަންވެސް ޕްރިންސް ވަނީ ފާޅުކުރައްވައިފައެވެ.
ގްލޯބަލް އިންވެސްޓްމަންޓްސްގެ ރައީސް ނާޔިފް ބިން އީދް އަލް ސާނީ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން އެކުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ރޭ ވަނީ ސޮއިކޮށްފައެވެ.
ހުޅުމާލެ ފޭސް 3 ގައި ގާއިމުކުރާ އެ ޒޯންގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފައެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު