ރައްޔތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން، އެއް ގަޑިއިރުގެ ވަގުތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީން އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، މިދިޔަ އޭޕްރީލް މަހުގެ 29 ގައެވެ.
މަޖިލިސް އިދާރާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ވަރަށް ބޮޑަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.
އެ މައްސަލަ ހުށަހެޅީ އޭޕްރީލް 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ވެއްޓުނު މައްސަލައާ ގުޅިގެން އާންމުންގެ ގިނަބައެއްގެ ތުހުމަތު މިނިސްޓަރަށް އަމާޒުވާތީ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެމްބަރުންގެ ސޮޔާއެކު ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދާނެ ވަގުތު ކަނޑައަޅާނީ އާއްމު ކޮމިޓީންނެވެ.
އެކަމަށްޓަަކައި މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި، އެ މައްސަލައިގައި މެންބަރުން ބަހުސްކޮށް މިނިސްޓަރާ ސުވާލު ކުރުމަށް މެންބަރުންނަށް އެއް ގަޑިއިރުގެ ވަގުތެއް އަދި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަަށް ވެސް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް ހުށަހެޅުއްވީ، ފޭދު ދެކުނު ދައިރާގެ މެންބަރު އިބްރާހިމް ދީދީއެވެ.
އެގޮތަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި މީގެ ކުރިންވެސް ކޮމިޓީން ނިންމާފައިވަނީ އެގޮތަށް ކަމަށެވެ. އަދި މިނިސްޓަރަށް އެއްގަޑި އިރު ދޭންޖެހެނީ، އެމަނިކުފާނު ބޭނުންވާ ވަރަށް ބޭނުން ވަގުތެއްގައި، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރުންނާ އެއްވަރަށް މިނިސްޓަރަށް ވަގުތު ދޭން ޖެހެނީ، މެންބަރުންނަށް އެއްގަޑިއިރު އޮވެފައި، މިނިސްޓަރު ޖަވާބުދާރީ ވެވަޑައިގަތުމަށް ކުޑަވަގުތު ކޮޅެއް ދޭނަމަ، މެންބަރުންގެ ގިނަ ސުވާލުތަކެއް އަންނަ އިރު، ޖަވާބުދާރީވާން ވަގުތު ނޯވެދާނެތީ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު އިބްރާހިމް ދީދީގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ.
އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް