މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި "ދުލެއް ނުކުރާނަން" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ އިހުތިޖާޖުން ހައްޔަރުކުރި ދެ މީހުން ބަންދުން ދޫކޮށްލައިފިއެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްގެންދިޔަ އިހުތިޖާޖުން ހައްޔަރުކުރީ ބަގީޗާގެ / ނ. ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، އާއިޝަތު ޝިމަން އަހުމަދު (19އ) އެވެ.

އެ ދެ މީހުން ހައްޔަރުކުރުމަށްފަހު ހުކުރު ދުވަހު ބަންދަށް ތިން ދުވަސް ޖެހި ނަމަވެސް، މިއަދު ވަނީ އެމީހުން ދޫކޮށްލައިފައެވެ. ނަމަވެސް އެމީހުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ ދެ މީހުން ހައްޔަރުކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބުނެފައިވަނީ އޭގެ ތެރެއިން އަބްދުﷲ މަހްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށާއި އަދި އާއިޝަތު ޝިމަން އަހުމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން އޭރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި މާލޭގެ މައި މަގު، މަޖީދީމަގުގައި ދުއްވާ އުޅަނދުފަހަރަށް އެ މަގު ބަންދުވާގޮތަށް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމުގެ ޝަކުވާތައް މެދުކެނޑުމެއްނެތި ލިބެމުންދާ ކަމަށެވެ.

"މި އިހުތިޖާޖުގައި، މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާގޮތަށް، މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިއުމާ ގުޅިގެން، މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެއެވެ..،" ފުލުހުން ބުނެފައިވެއެވެ.

އޭގެ އިތުރުން ހުކުރު ދުވަހަކީ ޖީސީއީ އޯލެވެލް އިމްތިހާނަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަަކަށްވުމާއެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށްފަހު އެ ހަރަކާތްތައް ހުއްޓުވައި، އެއްވުން ރޫޅާލާފައި ކަމަށާއި އެ ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.