ރިޔާސީ ކޮމިޝަން އުފެއްދެވުމުގައި ވައުދާ ހިލާފުވެވުނު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން"ގެ ޑެޕިއުޓީ އެޑިޓަރު އިބްރާހިމް ޒަކީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ހައްވާ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަން އުފެއްދެވުމަށް ނެރުއްވި ގަރާރުގައި އެ ކޮމިޝަންގެ މުއްދަތު ހިމަނާފައިވާނެ ކަމަށާއި މައްސަލަ ބަލައި ނިންމައި، ރިޕޯޓު ފޮނުވާ ހިސާބުން ކޮމިޝަން އުވޭނެ ކަމަށެވެ.

"އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވައުދުވީ ކަމެއް ކޮމިޝަންތައް ނުއުފެއްދުން. ބައެއް މީހުން އެބަ ބުނޭ ވައުދާ ހިލާފުވީއޭ. އޭރު ހަދާފައި ހުރި ކޮމިޝަންތަކަށް ރިފާކޮށްފައި އަޅުގަނޑު އެ ވައުދުވީ. އޭރުގައި މިނިވަން މުއައްސަސާތައް ހުއްޓައި، ރެޕްލިކޭޓް ކުރަން ދާއިމީ ކޮމިޝަންތަކެއް ހަދާފައި. އެކަހަލަ ކަމެއް ނުކުރާނަމޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހާލަތު އައީމަ ވެސް އެ މަނިކުފާނު ފުރަތަމަ މަސައްކަތްކުރެއްވީ މުއައްސަސާތަކުގެ ތެރެއިން ރައްޔިތުންގެ އިތުބާރު ލިބޭ ފެންވަރެއްގައި އެ މައްސަލަ ބެލޭނެ ގޮތެއް ކަމަށާއި ނަމަވެސް އެ މައްސަލައަކީ ވަރަށް ވަގުތު ބޭނުންވާ މައްސަލައެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ވަކި ހިސާބަކުން ނިންމީ ދެން އެންމެ ރަނގަޅުވާނީ މައްސަލަ ބަލައި ރަނގަޅަށް ނިންމައި އަޅުގަނޑަށް މީގެ ވާނުވާ ސާފުވެގެންދާ ފެންވަރުގެ ރިޕޯޓެއް ލިބޭވަރުގެ މަސައްކަތެއް ކޮށްދިނުމާއެކު އުވޭ ފަދަ ކޮމިޝަނެއް އުފައްދަން. އެހެންވީމާ އަޅުގަނޑުގެ ވައުދާ ހިލާފުވެގެންދިޔަ ކަމަކަށް ނުދެކެން. މި ހާލަތަށް ބަލާ އިރުގައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި މިކަން ކުރީ. މީގައި އެބައޮތް މުއްދަތެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 27 ގައި ރައީސް އުފެއްދެވި އެ ކޮމިޝަންގައި ފަސް މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެ ކޮމިޝަންގެ ރައީސަކަށް ކަނޑައަޅުއްވާފައިވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ.

އޭގެ އިތުރުން އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދު އަދި އާމިނަތު އީނާސްއެވެ.