ބޮލީވުޑްގެ މަޝްހޫރު ދެ ތަރި އަކްޝޭ ކުމާރު އަދި ސައިފް އަލީ ޚާން 17 އަހަރަށްފަހު އަނެއްކާވެސް އެކުގައި މަސައްކަތްކުރާ ކަމަށް ވަނީ އިއުލާންކޮށްފައެވެ. މިއީ ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ ތުރިލާ ފިލްމެކެވެ.

ފިލްމާ ގުޅުންހުރި ފަރާތަކުން ބުނެފައިވަނީ މިއީ ވަރަށް މަޖާ އަދި ތުރިލިން ފިލްމެއް ކަމަށެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓު މަހުގައެވެ. އަދި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ގައެވެ.

އަކްޝޭ އަދި ސައިފް އެންމެ ފަހުން އެއްކޮށް މަސައްކަތްކުރީ 2008 ގެ "ތަޝަން" ފިލްމުގައެވެ. މީގެ ކުރިން މި ދެ ތަރިން ވަނީ "މައިން ކިލާޑީ ތޫ އަނާރީ"، "ޔޭ ދިލްލަގީ" އަދި "ކީމަތް" ފަދަ ފިލްމުތަކުގައި އެއްކޮށް މަސައްކަތްކޮށްފައެވެ.

އަކްޝޭ މިހާރު އަންނަނީ ޕްރިޔަދަރްޝަންގެ "ބޫތު ބަންގްލާ" ފިލްމުގައި މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން، އަކްޝޭ އަދި ޕްރިޔަދަރްޝަން ވަނީ "ހޭރާ ޕޭރީ 3" ގައިވެސް އެއްކޮށް މަސައްކަތްކުރަން ނިންމައިފައެވެ.