މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އާމްދަނީ އިތުރުވި ނަމަވެސް ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު ވަރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ވަރަށް ވުރެ ދަށްވެއްޖެއެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ އެ ކުންފުނީގެ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނީ 4.02 ބިލިއަން ރުފިޔާ ލިބިފައެވެ. އެހެންކަމުން އެއީ އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 3.8 ބިލިއަން ރުފިޔާއަށް ވުރެ 4.6 ޕަސަންޓުގެ ކުރިއެެރުމެކެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގެ އާމްދަނީ އިތުރުވީ، ތެލުގެ ވޮލިއުމް އިތުރުވެ، ޖެނެރަލް ޓްރޭޑިން، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ސިއްހީ ދާއިރާގެ ވިޔަފާރިން ލިބޭ އާމްދަނީ އިތުރުވުމުންނެވެ.

އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގެ އެ ކުންފުނީގެ ހިންގުމުގެ ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 263 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 300 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކުހަށް ކެނޑުމަށްފަހު، އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 169 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 218 މިލިއަން ރުފިޔާއެވެ.