ކުޑަ އިންޓަރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ އެ ސްކީމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މިއަދަށެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު އަށް ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ އެ ޕްރޮގްރާމުގެ ތިން ސްކީމަށް ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހޭ އިރު، އެއީ ވަގުތު ބޭނުންވާ ކަމެއް ކަމަށެވެ.
އެހެންކަމުން ހިޔާވަހި ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުން އަންނާތީ، އެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާވަހި ސްކީމުގެ ތަފްސީލު
- ލޯނު ދޭނީ ފަސް ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި
- ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ
- ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށް
- ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ، އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބޭނެ
"ހިޔާވަހި" ފައިނޭންސިން ސްކީމުން ލޯނު ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންޝިއަލް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށެވެ.
ކުޑަ އިންޓަރެސްޓުގައި ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ބޯހިޔާވަހިކަން
ބޯހިޔާވަހިކަން
ބޯހިޔާވަހިކަން
ބޯހިޔާވަހިކަން