ދައުލަތުގެ ބައެއް ވަޒީރުން އުޅުއްވަނީ މާ ފެންވަރު މަތިވެގެން ކަމަށް ވިދާޅުވެ، އެފަދަ ވަޒީރުން ސައިޒްވާންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް މަޖިލީހުގެ މަަސައްކަތް ކުރިއަށްގެންދަން މަޖިލީހުގެ ރިޔާސަތުން ހުރަސްއަޅާ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައެއް ވަޒީރުން ދެކޮޅު ހައްދަވާކަން ފާހަގަ ކުރައްވައި އައްބާސް ވިދާޅުވީ، ގާނޫނުއަސާސީން މަޖިލިސް މެންބަރުންނަށް ލާޒިމް ކޮށްފައިވާ ކަންތައްތައް ވަޒީރުން ދެނެގަންނަންޖެހޭ ކަމަށެވެ.
"ވެރިކަން ހިންގުމުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމައި، ވެރިކަން ހިންގުމުގެ ބާރު، ޖަވާބުދާރީ ކުރުވުމާއި، އެކަންތައްތައް ކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެެއިން ފިޔަޅު އެޅުމަކީ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް، އެކަން ވަޒީރުން ހަދާންނައްތާލައިގެން ނުވާނެ، ހަތެއް ޖެނުއަރީގައި އަޅުގަނޑު ވަޒީރަކާ ކުރަން، ހުރިހާ މުއާލާތެއް ކެނޑިގެން ދިއުމުން، ހަތަރު މަސް ދުވަހުގެ ތެރޭގައި ވަޒީރު ބަލިވެއެއް ނޫޅޭނެ އެނގޭ ބަލިވެނޫޅޭކަންވެސް،"
އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުންކުރެ އެއްބާރުކަން ވަޒީރުން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ކޮންމެ މެންބަރަކަށް ވަޒީރުން އިހުތިރާމް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު ވަޒީރުންކަމުގެ ޓައީ އަޅުއްވައިގެން އުޅުއްވިޔަސް، ދިދަޖެހި ކާރުގައި އުޅުއްވިޔަސް ވަޒީރުން އެބަޖެހޭ ތަންކޮޅެއް ބޮޑަށް ސައިޒްވާން، ތިމާމެން މާދަމާ ވަޒީރު ކަމުގައި ނުހުރެދާނެކަމާއި ވަޒީރުންނާ މަތިކޮށްފައިވާ ޒިންމާ އަދާނުކޮށްފިނަމަ މާދަމާ ވެސް ވަޒީރުން ގެއަށް ފޮނުވާލައިފާނެކަމާއި މިކަންކަމަށް ވަޒީރުން އެބަޖެހޭ ވަރަށް ބޮޑަށް ވިސްނަން، ބައެއް ވަޒީރުންނަށް އެ ވަޒީރުންގެ ސައިޒް އޮޅިގެން އުޅުއްވަނީ، މާމަތީ ބައެއްކަމަށް، މާ ބޮޑު އަބުރަކާއި އިއްޒަތަކާއި ޝަރަފާއި ޖާހަތަކާ ލިބިގެން އުޅޭ ބައެއް ކަމަށް ހެދިގެން،"
އައްބާސް ވިދާޅުވީ، ސަރުކާރު ޕާޓީއަށް ނިސްބަތްވާ މެންބަރުންނާއި އިދކޮޅު މެންބަރުންނާއި އަމިއްލަ މެންބަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މިނިސްޓަރުން ބަރާބަރަށް ފޯނަށް ޖަވާބު ނުދެއްވުމާއި ފޮނުވާ މެސެޖުތަކަށް ޖަވާބުނުދެއްވާ މައްސަލަ ކަމަށެެވެ.
އަދި މަޖިލީހުގެ މަސައްކަތްތަކަށް ވަޒީރުން ހުރަސްއަޅާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ޒިންމާ އަދާކުރަން ވަޒީރު ފުރުސަރު ނުދޭ ކަމަށްވަންޏާ ވަޒީރުންނަށް ވަރަށް ގިނަ ދުއްްތުރާތައް ކުރިމަތިވާނެ، ވެރިކަންކުރާ ޕާޓީންވެސް ވަކި ވަރަަކަށް އެ ވަޒީރަކު ހިމާޔަތް ކުރާނީ، ކެއްނުވާވަރުވީމަ ހަފޮޅުން ބޭރުކޮށްލާނެ،"
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް