ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ހިތްވަރުގަދަ ނިންމެވުމެއް ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު، މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެ ގައުމު ގުޅިގެން ދެއްވި ޖޮއިންޓް ޕްރެެސްއެއްގައި އަންވަރު ވިދާޅުވީ ފަލަސްތީންގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑަށް ތައުރީފު ކުރައްވާ ކަމަށެވެ. ރާއްޖެއާއި މެލޭޝިއާ އިން އެ މައްސަލައިގައި ގެންގުޅެނީ އެއް ވިސްނުމެއް ކަމަށްވެސް ވިދާޅުވި އެވެ.

"(އިޒްރޭލު ޕާސްޕޯޓް މަނާކުރަން) ރައީސް މުއިއްޒު ނިންމެވި ހިތްވަރުގަދަ އަދި ވަރުގަދަ ނިންމެވުމަށް ވަރަށް އިހުތިރާމު ކުރަން،" އަންވަރު ވިދާޅުވި އެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ސާފުކަމަށް ރައީސް މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެ ގޮތުން، ފަލަސްތީނުގައި ހައްގުގައި އަބަދުވެސް ރާއްޖެއިން ބަސް ބުނާނެ ކަމަށާއި އެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެ ގައުމުގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.