މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވައިފިއެވެ.

ރައީސް މިރޭ އެ ކޮމިޝަން އުފެއްދެވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.

ގަރާރުގައި ރައީސް ވިދާޅުވީ އެ ކޮމިޝަން އުފެއްދެވީ މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށް ކަމަށެވެ.

ކޮމިޝަންގައި ހިމެނޭ މެންބަރުން:

  • ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  • ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުޙައްމަދު، ވ. އަލްމާން
  • ޑރ. މުހައްމަދު ހަބީބު، ސ. ހިތަދޫ، ސީސަންމާގެ

އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ރައީސް ކަނޑައަޅުއްވާފައިވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ.

12 މާޗު 2023، އެމްޑީޕީގެ ކުރީގެ، ރައްޔިތުން މަޖިލީހުގެ އައްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ---- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ރައީސްގެ ގަރާރުގައި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.

ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން ވެސް ހިމެނެއެވެ. އަދި ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައެޅުމާ ހަމައަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމަށް އެ މަނިކުފާނުގެ ގަރާރުގައި ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައީސް ކޮމިޝަނެއް އުފައްދަވާފައި މިވަނީ، ފުލުހުންގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ފުލުހުންނަށް ވަނީ އަންގައިފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބައެއް އިރުޝާދުތައް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ދީފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޔުމްނުގެ ޒާތީ މައުލޫމާތާއި އަނިޔާގެ ފޮޓޯއާއި ވީޑިއޯ އާންމުކޮށްފައިވާތީ، ޔުމްނުގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކުރުން
  • އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުން
  • އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި މީހުންނަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގުކުރުން
  • ޖިނާއީ ތަހުގީގުތަކާ ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް އަމަލުކުރުން
  • ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުން ނާރާނެ ގޮތަށް، ހާމަކަމާއެކު ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުން
  • ތަހުގީގަށް ހުރަސްނޭޅޭނެ ގޮތަށް މައުލޫމާތު ހާމަކުރުން

ޕީޖީގެ ބަޔާނުގައި ބުނީ، އެ މައްސަލަ ތަހުގީގުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

އޭގެ އިތުރުން މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާމެދު އާންމުންގެ ހުރި ޝަކުވާތައް އެ އޮފީހަށް ހުށަހެޅުމުން އެ ޝަކުވާތަކާމެދު ނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނާނެ ކަމަށްވެސް ބުންޏެވެ.

ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުން އަލީ ޝުޖާއު ވެސް މިއަދު ވަނީ އިސްތިއުފާދެއްވައިފައެވެ. އެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ހަވާލުކުރެއްވީ ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީންއާ އެވެ.