އިމާރާތެއްގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު އަންހެން މީހާގެ މައްސަލައިގައި ފުރުން މަނާކޮށްފައިވާ މީހަކު ފުރުވާލާފައިވާ ކަމަށްބުނެ ދައްކަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު، 21އ، އާއެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، ފުރުން މަނާކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނޭ އަންހެނަކު މެލޭޝިއާއަށް ފުރުވާލާފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ފަތުރަމުންނެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރުވާލާފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
ފުލުހުން ވަނީ އެ މައްސަލައިގައި 8 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އޭގެ ތެރޭގައި އިމާރާތުން ވެއްޓުމުގެ ކުރިން ޔުމްނުއާއެކު އެ އިމާރާތުގައި އުޅުނު ރައުދު އަހުމަދު ޒިލާލްގެ ޕާސްޕޯޓު ވެސް ހިމެނެއެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ރައުދު ހައްޔަރުކޮށްފައެވެ.
ފުރުން މަނާކޮށްފައިވާ މީހުން:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި މައްސަލައާ ގުޅިގެން ވަނަވަރު އާންމުކުރި ހުރިހާ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.
"އެއް ބައެއްގެ ގޮތުގައި އެ ރޭގައި ހޭދަކުރި މި ދެންނެވި މީހުންގެ ވެސް، މި މައްސަލައާ ގުޅުން އޮވެދާނެ ކަމަށް ބަލާފަ އެހެން މީހުން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރު އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" ޝުޖާއު ވިދާޅުވިއެވެ.
އޭގެ ތެރެއިން ދެ މީހެއްގެ ކުށުގެ ރިކޯޑު އޮންނަކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސް ކުރަމުން އަންނަކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޔުމްނު އަދި ޔުމްނު ވެއްޓުނުއިރު އޭނާއާއެކު އުޅުނު ރައުދު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ދެ މީހުން އިތުރު ބާވަތެއްގެ މަސްތުވާއެއްޗެއްވެސް ބޭނުންކުރިކަމަށް ބެލެވޭކަމަށް ނަވީން ވިދާޅުވިއެވެ.
"ވަން" އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔުމްނު ވަނީ މެތް، ރާ، އަދި ކެނަބިސްއަށް ޕޮޒިޓިވް ވެފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް