ބުރުޒު މަގުގައި ހުންނަ ހ. ފެންޓެނޯއީގެއިން އެ ގެއާ އިންވެގެން ހުރި ދެ ބުރީގެ އުސްމިނުގެ ގުދަނެއްގެ މައްޗަށް ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ޖަވާބު ނުލިބޭ އެތައް ސުވާލެއް އަދިވެސް އެބަހުއްޓެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ޔުމްނު ވެއްޓުމުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް އެނގިފައެއް ނުވެއެވެ. އެކަން ސާބިތުކޮށްދޭން ފުލުހުން ވަނީ ހ. ފެންޓެނޯއީގޭގެ އެތެރޭގައި ހުކުރު ވިލޭރޭ، ޔުމްނު އާއި އޭނާއާއެކު އެ ގެއަށް ވަން ގ، އެރިޔަދޫ ރައުދު އަހުމަދު ޒިލާލް 21އ ހަރަކާތްތެރިވި ގޮތުގެ ސީސީޓީވީ ފޫޓޭޖު ދައްކައިފައެވެ. އެޑިޓްކޮށް ބައެއް މަންޒަރު ކަނޑާފައިވާ އެ ފޫޓޭޖުން ފެންނަނީ، އެ ދެ މީހުން އެ ގޭގެ 7،8 އަދި 9 ވަނަ ބުރީގައި ހަރަކާތްތެރިވާ މަންޒަރެވެ. އެ މަންޒަރުތައް ނަގާފައިވަނީ އެ ގޭގެ ހަތް ވަނަ ބުރި އާއި ނުވަ ވަނަ ބުރީގައި ހުރި ސީސީޓީވީ ކެމެރާއިންނެވެ.

ފޫޓޭޖުން ފެންނަނީ ކޮން މަންޒަރެއް؟

ފުލުހުން ބުނެފައިވާ ގޮތުގައި، ޖުމްލަ ހާދިސާގައި ޔުމްނު އާއި ރައުދު ހިމެނޭހެން 8 މީހަކު ހިމެނެއެވެ. އެއީ، އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ، ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް، އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު، ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫގެ އިތުރުން އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ އެވެ.

ފުލުހުން ބުނި ގޮތުގައި ހުކުރު ވިލޭރޭ 12:00-12:30 އާ ދެމެދުގެ ވަގުތެއްގައި އެ 8 މީހުން ރަށްދެބައި މަގުގައި ހުންނަ މއ. މާންދޫގޭ ދެކުނުގެއަށް ވަދެއެވެ. އެނގިފައިވާ ގޮތުގައި އެ މީހުން އެ ގެއަށް ދިޔައީ އުފަން ދުވަހުގެ ޕާޓީއަކަށެވެ. އެ ގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އޭނާގެ އެއްބަނޑު އެއްބަފާ ތިން މީހުންގެ ގެއެކެވެ.

މާންދޫގޭގައި ހަތަރު ގަޑިއިރެއްހާއިރު ހޭދަކުރުމަށްފަހު، ފަތިހު 3:40 ހާއިރު އެ ގެއިން ނުކުމެ، ޔުމްނު އާއި ރައުދުގެ އިތުރުން އިތުރު ދެ ފިރިހެނަކު ދިޔައީ، އަމީނީމަގު ސްޓެލްކޯ ކުރިމައްޗަށް ވާ ގޮތަށް ހުންނަ ކަށިވެލިގެ އަށެވެ. އެއީ އެ ގުރޫޕްގައި ހިމެނޭ ޒުވާނަކު ދިރިއުޅޭ ގެއެކެވެ. އެ ގެއަށް ޔުމްނުއާއި ރައުދު ދިޔައީ ހިނގާފައެވެ. އަނެއް ދެ މީހުން ދިޔައީ ސައިކަލުގައެވެ. އެ ގޭގައި 15 ވަރަކަށް މިނެޓު އެ ހަތަރު މީހުން ހޭދަކުރުމަށް ފަހު، އެންމެން އެކުގައި ފައިބައި، ރައުދު އާއި ޔުމްނު ހިނގާފައި ދެން ދަނީ، ހާދިސާ ހިނގި ހ. ފެންޓެނޯއީއަށެވެ. އަނެއް ދެ މީހުން ސައިކަލުގައި ދަނީ އެހެން ދިމާލަކަށެވެ.

ފުލުހުން އާންމުކުރި، ބުރުޒު މަގު އެވިޑް ކޮލެޖްގެ ބޭރުގައި ހަރުކޮށްފައިވާ ކެމެރާގެ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ފަތިހު 4:30 އެހާކަންހާއިރު ހުދުކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން ކުރު ސޯޓެއް ލައިގެން ހުސްފަޔާ ޔުމްނު އައިސް ފެންޓެނޯއީގެއަށް ވަދެއެވެ. އެ ގެއަށް އޭނާ ވަންނަން އައީ ދެކޮޅަށް ކިރެމުން، ފާރުގައި އަތް ކާއްތަމުންނެވެ. އެއީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށް ފުލުހުން ބުނެއެވެ. އޭގެ އިރުކޮޅެއްފަހުން، ރައުދު އެ ސަރަހައްދަށް އައިސް އެ ސަރަހައްދުގައި ސައިކަލެއްގެ މަތީގައި ހުރި މީހަކާ ވާހަކަ ދައްކާން ހުރެފައި ޔުމްނު ގޮވުމުން ދުވެފައި ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ފެންޓެނޯއީގެއަށް ވަދެއެވެ. އެ ގެއަށް ފުރަތަމަ ވަނީ ޔުމްނުއެވެ. ގެއަށް ވަންނަ ދޮރު ކައިރީ ރައުދު އިރިކޮޅަކު މަޑުކުރެއެވެ. ވީޑިއޯއިން ފެންނަ ގޮތުން ހީވަނީ އޭނާ މަޑުކުރަނީ ދޮރު ލެއްޕިފައި ހުރުމުގެ ސަބަބުންނެވެ. އެދޮރު ހުޅުވައިދެނީ ޔުމްނު ކަމެއް ނުވަތަ އެހެން މީހަކު ކަމެއް ނޭނގެއެވެ.

ފުލުހުން ދެއްކި ފޫޓޭޖުތަކުން އެނގޭ ގޮތުގައި އެ މީހުން 4:30 ހާއިރު، ފެންޓެނޯއީގޭގެ ސިޑިމަތީގައި ހަރަކާތްތެރިވެއެވެ. އެ މީހުން ހަރަކާތްތެރިވީ 7،8 އަދި 9 ވަނަ ބުރީގައެވެ. ހަތް ވަނަ ބުރީގެ އެޕާޓްމެންޓެއް ކައިރީގައި ހުރި ފެން ކޭސްތަކެއްގެ ކައިރީ އެ މީހުން ވަނީ ބަދުއަހުލާގީ އަމަލުތަކެއްވެސް ހިންގައިފައެވެ. އެއިރު އަންހެން މީހާ މަތިން ލައިގެން ހުރި ޓީޝާޓު ނެތް ކަމަށް "ވަން" އަށް އެނގިފައިވެއެވެ. އެ މީހުން ވަނީ އެ ތިން ބުރީގެ އެކި ސަރަހައްދުތަކުގައި ގައިގޯޅިވެގެން އުޅެފައެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި އެ މީހުން އެ ގޮތަށް އުޅުނީ ރުހުމުގައެވެ. ބައެއް ފަހަރު ދެ މީހުން އަތުން އެކި ދިމަދިމާއަށް ދިއުމަށް އިޝާރާތް ކުރެއެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި އެ ގެއަކީ އެ މީހުންނަށް ފަރިތަ ގެއެކެވެ. ފަހުން ފެންނަ މަންޒަރުތަކުން ރައުދު ހުންނަނީ ހުސް ގަޔާއެވެ. ޔުމްނު ހުރީ ރައުދުގެ ޓީޝާޓު ލައިގެންނެވެ.

ފުލުހުންގެ ފޫޓޭޖުން ފެންނަ ގޮތުގައި 4:50 ހާއިރު ބާރު އަޑެއް ކެމެރާއަށް ވަނީ ރެކޯޑް ކުރެވިފައެވެ. ފުލުުހުން ބުނާ ގޮތުން ބެލެވެނީ އެއީ ޔުމްނު ވެއްޓޭ އަޑެވެ. އެ އަޑު އިވުނުއިރު، ރައުދު ހުރީ ނުވަ ވަނަ ބުރީގައެވެ. އެ އަޑާއެކު، އޭނާ މައްޗަށް އަރައެވެ. އަދި ތިރިއަށް އައިސް "ޔުމްނު" އޭ ކިޔައި ގޮވައެވެ. ވައިގޮޅިން ތިރިއަށް ބަލައި އޭނާ ދެން ފައިބަނީ ތިރިއަށެވެ. އެއަށް ފަހު މަގުމަތިން މީހުން ކައިރީ ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު އޭނާ ގެއްލެނީ އެވެ.

ވެއްޓުނު ކަމަށް ބުނާ ފެންލައިޓުން ފެނުނު މަންޒަރު!

"ވަން" ގެ ނޫސްވެރިން ވަނީ ޔުމްނު ވެއްޓުނު ކަމަށް ބުނާ ހ. ފެންޓެނޯއީގޭގެ 9 ވަނަ ބުރީގައި ހުރި ފެންލައިޓު ބަލައިފައެވެ. އެ ފެން ލައިޓަކީ، ނުވަ ވަނަ ފަންގިފިލާއިން އެ ގޭގެ ޓެރަސްއަށް އަރަން ހުންނަ ސިޑި ކައިރީގައިވާ ދެ ދޮރު ލީ ފެންލައިޓެކެވެ. އެ ފެންލައިޓުގެ ފުޅާ މިނުގައި ހުރީ 20 އިންޗި އެވެ. އުސް މިނުގައި ހުރީ 23 އިންޗިއެވެ. އެ ދޮރު އެއްކޮށް ހުޅުވުމުން ފުޅާ މިނުގައި ހުންނަނީ 19.5 އިންޗިއެވެ. މި ފަންގިފިލާގެ ތަޅުމުން ފެށިގެން ފެންލައިޓުގެ ތިރީކައިރިއާ ހަމައަށް ހުންނަނީ 57 އިންޗިއެވެ. އެހެންކަމުން ދޮރު ކައިރީގައި ހުންނައިރު، ޔުމްނުއަށް އަތް އަޅުވާލައިގެން ދޮރުން މައްޗަށް އެރިދާނެ އެވެ. ނަމަވެސް އެއީ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ، އެ ފެންލައިޓުގެ އުސް މިނުން، ހަމަ އެކަނި އަތް އަޅުވާލައިގެން އެތަނަށް އެރުމަކީ ހަމައިގައި ހުންނަ މީހަކަށްވެސް ފަސޭހަ ކަމަކަށް ނުވުމެވެ. ދެން އޮތް ގޮތަކީ، ސިޑީގެ ދަގަނޑު ރެއިލިިންއަށް އެއްފައިލުމަށް ފަހު އަނެއްފައި ހުރަހަށް ހުރި ފާރުގައި ކަނޑާފައިވާ ހަތަރު ވަރަކަށް އިންޗީގެ ޖާގައަށް ލުމަށްފަހު ފެންލައިޓު ތެރެއަށް ބޯލުމެވެ. ނަމަވެސް އެއީވެސް މަސްތުވެ ވާނުވާ ނޭނގޭ ހާލަތުގައި ހުރި މީހަކަށް ފަސޭހައިން ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދެއެވެ.

ޔުންމު ވެއްޓުނުކަމަށް ބުނާ ފެންލައިޓު--- ވަން ފޮޓޯ

"ވަން"ގެ ނޫސްވެރީންނަށް ޔުމްނު ވެއްޓުނުކަމަށް ބުނާ ފެންލައިޓުގެ މެދެއްހާ ހިސާބުން ފާރުން ފައިތިލައެއްގެ ނިޝާނެއް ކަމަށް ބެލެވޭ ބޮޑު ނިޝާނެއް ވަނީ ފެނިފައެވެ. މި ނިޝާން ހުރީ ފެންލައިޓުގެ ވާއަތް ފަރާތު ފާރުގައެވެ. އެ ފައިތިލައިގެ ދިގު މިނުގައި 8 އިންޗިހުރިއިރު އެންމެ ފުޅާ ދިމާލުގައި ހަތަރު އިންޗި ހުއްޓެވެ. ފަހަރުގައި އެއީ ޔުމްނުގެ ފައިތިލައަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އޭނާ އެގެއަށް ވަނީ ހުސް ފަޔާ ކަމަށް ވުމުންނެވެ. ފެންލައިޓާ ދިމާލުން ފާރު ހުރީ ވަރަށް ބޮޑަށް ހަޑިވެ ކިލާ ވެފައެވެ. އެ ސަރަހައްދު ސިފަ ވަނީ ގަދަކަމުން މީހަކަށް ކަމެއް ކަމެއް ކުރާން އުޅެފައިވާ ސަރަހައްދެއް ގޮތަށެވެ. އަދި އެ ފައިތިލައިން ދޭހަވާ އިތުރު ކަމެއްވެސް އެބައޮތެވެ. ގަދަކަމުން މީހަކު ބެލްކަނިން އެއްލައިލަން އުޅެނިކޮށް ފައިވިއްދާފައި ހުރި ކަހަލަގެ ގޮތަކަށް އެ ނިޝާން ހުރީމައެވެ. އަމިއްލައަށް ފުންމާލާ ނަމަ، ފައިތިލައިގެ ނިޝާން ހުރަސް ފާރުގައި ހުންނަން ޖެހޭ ސަބަބެއް ނެތެވެ. "ވަން" އިން ވަނީ އެ ގޭގެ 7 އަދި 8 ވަނަ ބުރީގެ ފެންލައިޓު ސަރަހައްދުވެސް ބަލައިފައެވެ. ނަމަވެސް 9 ވަނަ ބުރިން ފެނުނު ފަދަ މަންޒަރެއް ނުފެނެއެވެ. ހަޑިވެފައެއް ނެތެވެ. ނަމަވެސް ފާރު ކައިރި ކޮންމެވެސް ވަރަކަށް ހަޑިވެފައި ހުއްޓެވެ.

ޔުމްނު ވެއްޓުނު ކަމަށް ބުނާ ފެންލައިޓުން ތިރިއަށް ބަލައިލުމުން ފެންނަނީ އޭނާ ވެއްޓިފައި އޮތް ގުދަނުގެ ކަނެއްހާ ހިސާބެވެ.

"ވަން"ގެ ނޫސްވެރިން ވަނީ ފެންޓެނޯއީ ގޭގެ ޓެރަސްއަށްވެސް އަރައިފައެވެ. ޓެރަސްގެ ދޮރު ހުޅުވެނީ ހަމައެކަނި ތަޅުދަނޑިންނެވެ. ޓެރަސްއިން ޔުމްނު ވެއްޓުނު ސަަރަހައްދު ފެންނަނީވެސް ފެންލައިޓުން ފެންނަ ފަދަ ގޮތަށެވެ. ނަމަވެސް ޓެރަސްއިން އެއްޗެއް އެއްލުމުން ގޮސް ޖެހެނީ ގުދަނުގެ ފުރާޅުގެ މެދެއްހާ ހިސާބުގައެވެ. އެހެންކަމުން ބޮޑަށް ބުރަވެވެނީ، ޔުމްނު ވެއްޓުނީ ނުވަތަ ވައްޓާލީ 9 ވަނަ ބުރީގެ ފެންލައިޓުން ކަމަށެވެ.

ޔުމްނު ވެއްޓުނު ކަމަށް ބުނާ ފެންލައިޓުން ތިރި ފެންނަ ގޮތް---- ވަން ފޮޓޯ

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ ހުކުރު ދުވަހުގެ ހެނދުނު 7:23 ގައެވެ. އާންމު ފަރާތެއްގެ ރިޕޯޓަކަށް ފުލުހުން އެ ސަރަހައްދަށް ގޮސް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޔުމްނު ނެގިއިރު ކުޑަކޮށް އޭނާގެ ހަރަކާތް ހުއްޓެވެ. ޔުމްނުއަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. އޭނާގެ ހާލު ސީރިއަސް އެވެ.

"ވަން" އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔުމްނު ވަނީ މެތް، ރާ، އަދި ކެނަބިސްއަށް ޕޮޒިޓިވް ވެފައެވެ. އޭނާ ހުރީ އާދަޔާ ހިލާފަށް މަސްތުވެގެންކަން މަންޒަރުތަކުންވެސް ފެންނައިރު ސުވާލަކީ، ކުޑަކުޑަ، ކިރިޔާ ބޯކޮށްޕައިލެވޭވަރުގެ، ހަމަ އިސްކޮޅަށްވުރެ އުސް ފެންލައިޓަކުން ޔުމްނުއަށް އެކަނި ފުންމާލެވިދާނެތޯއެވެ؟ ނުވަތަ މީހަކު އޭނާ ވައްޓާލީ ހެއްޔެވެ؟