ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި ގާނޫނުގެ ވެރިކަން ނުވަތަ ރޫލް އޮފް ލޯ މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާ ކަމަށާއި ތަފާތު ނުވެސް ކުރައްވާނެ ކަމަށެވެ.
"އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދި ކަަމަކަށް، ރަހުމަތްތެރި ކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނާގެ މައްސަލައިގައި އެކި ކަހަލަ ތުހުމަތު އަމާޒުވެފައިވާ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު ސަސްޕެންޑްކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިޒްދިޔާން މުހައްމަދު މައުމޫން ވަނީ މިއަދު ވަކިކޮށްފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށް މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އަދި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ރައީސްގެ މަގާމުންވެސް އޭނާ ވަކިކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީން އޭނާ ވަކިކުރީ އަމިއްލައަށް އިސްތިއުފާ ހުށަހެޅުމުންނެވެ.
އިޒްދިޔާން މަގާމުން ވަކިކޮށް، ދާއޫދު މަގާމުން ސަސްޕެންޑް ކުރި އިރު، ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައާ ގުޅިގެން ގިނަ ބަޔަކު އެ ދެ މީހުން މަގާމުން ވަކިކުރަން ގޮވާލާއި ރޭ ވަނީ މުޒާހަރާކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު