ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ގޮތް ހަދައިފިއެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީއަށް މިހާރު ހުށަހަޅާ މައްސަލަތައް ބަލައިގަންނަކަމުގެ މެސެޖެއް (އެސްއެމްއެސް) ފޯނަށް ލިބޭނެ ކަމަށެވެ.
އެ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަގުސަދުގައި، ހިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއްގެ ހިޔާލު ހޯދައި، ލިބުނު ހިދުމަތުގެ ފެންވަރާއި އިތުރަށް ރަނގަޅުކުރެވިދާނެ ކަންތައްތަކާ ގުޅޭ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ހުށަހެޅިކަން އެ ފަރާތަށް އެނގޭނެ ގޮތެއް ނެތުމާއި އެ ކަމާގުޅޭ ގޮތުން އަދާހަމަ މައުލޫމާތު ލިބުމުގައި ލަސްތަކެއްވާކަމަކީ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ލިބޭ އެންމެ ބޮޑު އެއްޝަކުވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"އެހެންކަމުން، އާންމުންގެ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް މި ވުޒާރާއިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކުން މި ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ، ހުށަހަޅާ ލިޔެކިޔުމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެ ނިޒާމެއް މިހާރު ވަނީ ތައާރަފުކުރެވިފައި،" ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުންޏެވެ.
ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނާއި ގާތުން، ލުއިފަސޭހަ ވާނެހެން، އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް