އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން ދިވެހި ސިފައިންނަށް އަމިއްލަ ބާރުވެރިކަން ހޯދޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިލްމީ މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މި ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ކުރަމުން އެ ގެންދަވާ މަސައްކަތުގައި ނަތީޖާތައް މި އަންނަނީ ފެންނަމުން. އަދި މި ރިޔާސީ ދައުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ އިރު، އަޅުގަނޑުމެން އަސްކަރީގޮތުން ގާބިލު ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވެ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި އަޅުގަނޑުމެންގެ އަމިއްލަ ބާރު ހުރި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ހިލްމީ ވިދާޅުވީ ކަމެއްގައި ވެސް ބޭރަށް ބަރޯސާވެގެން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކުރިން އޮތް ނިޒާމު ބަދަލުކުރެވި، އަމިއްލަ ބާރުވެރިކަމާއެކީގައި ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންދާ މަންޒަރު ފެނިގެންދާނެ ކަމަށެވެ. އަދި ސިފައިން ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ތިބުމަށް ދިވެހި ސިފައިންނަށް ހިލްމީ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ނަސޭހަތަކީ އަޅުގަނޑުމެންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 24 ގަޑިއިރު ހިދުމަތުގައި ދެމިތިބޭ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަނދާނުގައި އަބަދުވެސް ބެހެއްޓުން،" އޭނާ ވިދާޅުވިއެވެ.

ހިލްމީ ވިދާޅުވީ ފާއިތުވެދިޔަ ދިގު ތާރީހުގައި ވެސް ސިފައިންނަކީ ގައުމަށް އެތަކެއް ގުރުބާނީތަކެއް ވެފައިވާ ބައެއްކަން ސާބިތުކޮށްދީފައިވާ ކަމަށާއި ރައްޔިތުންގެ ހިދުމަތުގައި އަބަދުވެސް ސިފައިން ދެމިތިބޭނެ ކަމަށެވެ.