ހައުސިން މިނިސްޓްރީގައި ހިނގި އިމާރާތް ބިމާ ހަމަވި އަލިފާނުގެ ހާދިސާ ނިއްވައިލުމުގެ އެންމެ ބޮޑު އިސްކަމެއް ދިނީ މީހުންގެ ފުރާނަ ސަލާމަތް ކުރަން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާއާގުޅޭ މައުލޫމާތާއި އެ ހާދިސާއާ ގުޅިގެން މިހާރު ކަންތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އާއި ފުލުހުން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ހިލްމީ ވިދާޅުވީ، އަލިފާން ނިއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ނުލިބި އަލިފާން ކޮންޓްރޯލް ކުރުމަށް ކަަމަށެވެ.
އެގޮތުން އެމްއެންޑީއެފަށް އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ އެ ދުވަހު ހެނދުނު 6:27 ގައި ކަމަށާއި މިނިޓެއް ތެރޭގައި ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް 6:30 ގައި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށި ކަމަށް ހިލްމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަޔާ ފައިޓަރުން ދެ ޓީމަކަށް ބެހި އެއް ބަޔަކު އިމާރާތްތެރެއަށް ވަދެ އަލިފާން ރޯވެފައި ހުރި ތަންތަން ދެނެގަތުމަށް މަސައްކަތް ކުރަމުންދަނިކޮށް، އަލިފާންގަނޑު ފަޅައިގެންގޮސް ފެތުރެން ފެށުމުން، ރައްކާތެރިކަަމަށްޓަކައި އެތެރެއަށް ވަން ފައިޓަރުން ބޭރަށް ނުކުމެ މަސައްކަތް ފެށި ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން ކޮށީގެ ތެރެއަށް އަލިފާންގަނޑު ފެތުރު ނަމަވެސް ކައިރިގައި ހުރި އެއްވެސް އިމާރާތަކަަށް އަލިފާން ފެތުރުނަ ނުދިނުމަށާއި ބޭރުތެެރެއަށް ނުކުމެ މަގުހުރަސްކޮށް އެއްވެސް އިމާރާތަކަށް އަލިފާން ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރި ކަމަށްވެސް ވިދާޅުވިއެވެ.
ހިލްމީ ވިދާޅުވީ، ކުރެވުނު މަސައްކަތުން އަލިފާން އިތުރަށް ފެތުރެން ފުރުސަތު ނުދީ މެންދުރު 12:45 ގައި އަލިފާން ކޮންމެސް ވަރަކަށް ކޮންޓްރޯލްކޮށް، ހަވީރުވީއިރު އެއްކޮށް ކޮންޓްރޯލް ކުރެވުނު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު