ސަރުކާރުގެ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޓްސްއެޕް ޗެނަލެއް ހުޅުވައިފިއެވެ.
އެ ޗެނަލަށް ޖޮއިންކުރުމަށް ދައުވަތުދެއްވުމަށް ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ޗެނަލުން ސަރުކާރުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ލިބޭނެ ކަމަށެވެ.
މިހާތަނަށް 1000 އަށްވުރެ ގިނަ ފޮލޯވަރުން ހިމެނޭ އެ ޗެނަލްގައި މިއަދު ވެސް ވަނީ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ބައެއް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ.
އެ ޗެނަލްގައި ސަރުކާރުގެ މަސައްކަތްތަކުގެ އިތުރުން ރައީސްގެ ބައެއް ހިޔާލުތައް ވެސް ގެންދަވަނީ ފާޅުކުރައްވަމުންނެވެ. އެގޮތުން އެންމެ ފަހުން އެ މަނިކުފާނު ލިޔުއްވާފައިވަނީ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމާ ގުޅޭގޮތުންނެވެ.
ރައީސްގެ އެ މެސެޖުގައި ވިދާޅުވީ އެ މަނިކުފާނު ވަކާލާތުކުރައްވާ ވޯޓިން ސިސްޓަމަކީ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހޭ ގޮތް ބަދަލުކޮށް، ޕްރިފެރެންޝަލް ވޯޓިން ސިސްޓަމަކުން އެއްބުރުން ރިޔާސީ އިންތިހާބު ނިންމުމުގެ ނިޒާމެއް ގާއިމުކުރުމަށް ފެނޭތޯ ބެލުމަށް، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދިއުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާކުރައްވައިފައެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި އެ ނިޒާމު ޕްރޮމޯޓްކުރުމުގެ ކެމްޕެއިނެއްވެސް ފަށައިފައެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު މީގެކުރިންވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ.
އެގޮތުން ޕްރިފެރެންޝަލް ނިޒާމަކަށް އަމަލުކުރަން އެޓާނީ ޖެނެރަލް އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވަނީ ވިދާޅުވެފައެވެ.
"އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށްވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު