ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) މަޝްރޫއުގެ އަޕްސްކްލިން ޕްރޮގްރާމު އިފްތިތާހުކޮށްފިއެވެ.
އެކަން އިފްތިތާހުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. ވިލާ ކޮލެޖުގެ ފަރާތުން ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ސޮއިކުރެއްވި އިރު، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓާ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އިފުތިތާހުކުރި އެ ޕްރޮގްރާމަކީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ ސެއިލްސް މަޝްރޫއުގެ ދަށުން ފަށާ އަޕްސްކްލިން ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމްތަކުގެ މަގުސަދަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ބޭނުންވާނެ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ މަގުފަހިކޮށްދިނުމަށް މަގުކޮށައިދުނުމެވެ.
އަޕްސްކްލިން ޕްރޮގްރާމުތަކުގެ އެއް އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ "ދިވެހިންނަށް ހާއްސަ އަދި ދިވެހީންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ގާއިމުކުރުމަށް" ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ޒުވާން ގާބިލު ލޭބާ ފޯސްއެއް ތައްޔާރުކުރުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ބޭރު ގައުމުތަކުގެ ބަސްތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެންޑަރިން، ފްރެންޗް، ސްޕެނިޝް އަދި ރަޝިޔަން ފަދަ ބަސްބަހުން މުއާމަލާތްކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ދެމެހެއްޓެނިވި އަދި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުކުރުމަށް ސަރުކާރުން ފަށައިފައިވާ މަސައްކަތަށް ބޭނުންވާނެ ހުނަރުވެރިން ތަމްރީންކުރުމަށާއި އަދި ގްރީން ވޯކް ފޯސްއެއް ބިނާކުރުމަށް ހާއްސަ ތަމްރީނުތަކެއް މި ޕްރޮގްރާމުގައި ހިމެނިފައިވާނެ ކަމަށެވެ. މި ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ އާއި އަތޮޅުތެރޭގައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިމަހު ފެށުމަށް ހަމަޖެހިފައިވާ ތަމްރީންތައް:
- ސެޓްފިކެޓް 3 އިން މެރިން މެކޭނިކް
- ސެޓްފިކެޓް 3 އިން ރިނިއުބަލް އެނާޖީ ސިސްޓަމްސް އެންޑް މެއިންޓަނަންސް
- ސެޓްފިކެޓް 3 އިން ގެސްޓްހައުސް މެނޭޖުމަންޓް
- ސެޓްފިކެޓް 3 އިން ސްނޯކްލިން ގައިޑް
- ބޭސިކް ޗައިނީސް ލެންގްއޭޖް (ޓުއަރިޒަމް)
- ސެޓްފިކެޓް 3 އަކުއާޓިކް ރިކްރިއޭޝަން
- ސެޓްފިކެޓް 3 މޭކަޕް އެންޑް ބިއުޓީ ކެއާ
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް